ސައުދީ އަރަބިއްޔާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ޝަހުސިއްޔަތުގެ އެވޯޑު ސަލްމާން ހާން އަށް ލިބިއްޖެ އެވެ.
މި އެވޯޑު ސަލްމާން ހާންއާ ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރިޔާދުގެ ދަ ބަކްރު-އަލް ޝެއްދީ ގައި ކުރިއަށް ދިޔަ ޖޯއީ އެވޯޑު ހަފުލާގައެވެ. މިއީ ސައުދީ ވިޝަން 2030 ތަސައްވުރުގެ ދަށުން ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ- ޖީއީއޭ އިން އިންތިޒާމުކުރާ ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް ހާއްސަކޮށް ބާއްވަމުން އަންނަ ދެވަނަ އަހަރީ އެވޯޑު ހަފުލާއެވެ.
މަގުބޫލު އެތައް ތަރިންނެއް ބައިވެރިވި މި ހަފުލާގައި ހޮލީވުޑް ތަރި ޖޯން ޓްރެވޮލްޓާއަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިފައެވެ. މި ހަފުލާގައި ބައިވެރިވުމަށް އަރަބި އަދި އެހެނިހެން ގައުމުތަކުން 200 އަށްވުރެ ގިނަ ފަންނާނުންނަށް ވަނީ ދައުވަތު އެރުވިގެން ގޮސްފައެވެ.
މި އެވޯޑާ ހަވާލުވާ ފޮޓޯއެއް ސަލްމާން ހާންގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރަމުން އޭނާ ވަނީ އޭނާއަށް އެވޯޑު ހަވާލުކުރި އަހް ބޫ ނާސިރުގެ ނަން ގެނެސްފައެވެ.
މީގެ ކުރިން އިންޓަނެޓުގައި ވަނީ މި އެވޯޑު ހަފުލާގައި ޖޯން ޓްރެވޯލްޓާ އާއި ބައްދަލުވެ ސަލްމާންހާން އަމިއްލައަށް ތައާރަފުވާ ވީޑިއޯއަކަށްވެސް ސަމާލުކަން ލިބިގެން ގޮސްފައެވެ.
މިދިޔަ އަހަރު ނުކުތް ''އަންތިމް: ދަ ފައިނަލް ޓްރުތު'' އިން އެންމެ ފަހުން ފެނިގެން ދިޔަ ސަލްމާން ހާންގެ ކުރިއަށް ރިލީސްވާން ތައްޔާރުވަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ''ޓައިގާ 3'' ''ކަބީ އީދު ކަބީ ދިވާލީ'' ފަދަ ފިލްމުތައް ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން