ހިޔާ ފުލެޓު ސަރަހައްދުގައި ހެދުމަށް ނިންމާފައިވާ ބޮޑު ޕާކުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.
އެޗްޑީސީން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕާކުގެ މަސައްކަތް ކުރިއަށް ދާތީ އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ވެހިކަލްތައް މިއަދުގެ ނިޔަލަށް އެ ސަރަހައްދުން ނަގައި އެ ސަރަހައްދު ހުސްކުރުމަށް އެދޭ ކަމަށެވެ.
ބައިތަކަކަށް ބެހިގެން މަސައްކަތް ކުރަމުން އަންނަ މި ޕާކުގައި މިހާރު ކުރަމުން އަންނަނީ ހުޅަނގުފަރާތުގެ މަސައްކަތެވެ. އެގޮތުން ހިޔާ ޕާކު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ ފެންސުޖެހުމާއި ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކަމަށް އެޗްޑިސީން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އާންމުންނަށް ހިނގާބިނގާވެ އުޅުމުގައި ދަތި ނުވާނެހެން ވޯކްވޭއެއް މިހާރު ހަދާފައިވާނެ ކަމަށްވެސް އެޗްޑިސީން ވަނީ ބުނެފަ އެވެ. އަދި ޕާކުގެ މަސައްކަތް ކުރުމަށްޓަކައި މިއަދުން ފެށިގެން އެ ހިސާބު ބަންދުވާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
ހިޔާގައި މިހާރު ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާއިރު، އެތަނުގައި ހިރަފުހުގެ އުނދަގޫ ބޮޑުވާކަމަށް އެމީހުން ބުނެ އެވެ. އެޗްޑީސީން ބުނީ މި ޕާކަކީ އެ އުނދަގުލުން ސަލާމަތްވުމަށްވެސް އޮތް ބޮޑު ހައްލެއް ކަމަށެވެ.
ނޫކުލައާއި ދަނބު ކުލައިގައި ހުރި ޓަވަރުތަކުގެ މެދުގައި އޮތް ހުސްޖާގައިގައި ހަދާ މި ޕާކުގެ ސަބަބުން ކުޑަ ކުދީންނާއި އުމުރުން ދުވަސްވީ މީހުން ހިތްހަމަ ޖައްސާލުމަށް ދާނެ ތަން އޮންނާނެ ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.
ޕާކުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް އެޗްޑީސީން ބުނެފައެއްނުވެ އެވެ. ނަމަވެސް އެތަން ފެހި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު