ޖަލަށް އެތެރެކުރަން ތައްޔާރުކޮށްފައި ހުރި ގިނަ އަދަދެއްގެ ތަކެއްޗާއެކު ހަ މީހަކު ހުޅުމާލެ ފޭސް ދޭކުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ޕޮލިހުން މިއަދު ހެނދުނު ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހަކަށް ފުލުހުން ފެނުމުން އެ ތިޖޫރީ އެއްލާލައި ފިލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެމީހުން ހުއްޓުވައި އެ މީހުން ބަލައި ފާސްކުރި އިރު، ފުރަތަމަ އެއްވެސް އެއްޗެއް ދެމީހުން އަތުން ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މީހުންނާ ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު އިތުރު ހަތަރު މީހަކު ހިޔާ ދޭއްގެ އެޕާޓްމަންޓަކުން ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، އެ އެޕާޓްމަންޓުން 18 މޯބައިލް ފޯނާއި 28 ޗާޖަރާއި 28 ހެޑް ސެޓާއި 10 މެމޮރީ ކާޑާއި 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި ފެނުނު ކަމަށެވެ. އަދި އެ ތަކެއްޗަކީ ޖަލަށް އެތެރެކުރަން ތައްޔާރުކޮށްފައި ހުރި ތަކެތިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހަކާ އަދި 24 އަހަރުގެ މީހެކެވެ. އަދި އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.