ވެކްސިން އިކުއިޓީ ނުވަތަ ވެކްސިންގެ ހަމަހަމަކަން ގާއިމުކުރުމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފެއްޓެވި ކެމްޕޭނަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯގެ ވެރިޔާ ތާއީދު ކުރައްވައިފިއެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ އެންމެނަށް ހަމަހަމަކޮށް ވެކްސިން ލިބޭނެ ފުރުސަތު ހޯދައިދިނުމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް ފައްޓަވާފައިވާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވާ ކަމަށާއި އެކަމުގައި އާއްމު މަޖިލީހުގެ ރައީސް ޝާހިދުގެ ލީޑާޝިޕަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު، އދ.ގެ 193 ގައުމާ މުހާތަބުކުރައްވައި އެންމެ ފުރަތަމަ ދެއްވި ތަގުރީރުގައި ޝާހިދު ވަނީ، ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބިދިނުމަށް ގޮވާލައްވައިފައެވެ.
2022 ވަނަ އަހަރުގެ ޝިއާރެއްގެ ގޮތުގައި ޝާހިދު ފެއްޓެވި #ވެކްސިންއިކުއިޓީ ކެމްޕޭނުގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކާ ޖަމިއްޔާތަކުން ބައިވެރިވެފައިވާ އިރު، އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އދގެ އާއްމު މަޖިލީހުގެ ރައީސްގެ އިސްނެންގެވުމުގެ މަތިން ގައުމުތަކުގެ އެންމެ އިސްވެރިންގެ ފެންވަރުގެ ބައްދަލުވުމެއް އެކަމާ ބެހޭ ގޮތުން ބާއްވަން އދ އިން ވަނީ އިއުލާންކޮށްފައެވެ.