(21 ޖެނުއަރީގެ އަދަދާ ގުޅޭ)
އަޅުގަނޑު ރޮއިރޮއިފައި މާތް ﷲ ގެ ޙަޟުރަތަށް ދުޢާކުރަން ފަށައިފީމެވެ. އަޅުގަނޑުގެ ކިބައިގައި އެ ބާރުލެއްވުން އެދިއެވެ. އެ ފާރު ވައްޓައިލުމުގެ އެކަށޭނަކަން އަޅުގަނޑަށް ދެއްވުން އެދިއެވެ. އަރަހުށި މާތް ﷲ އަޅުގަނޑުގެ ދުޢާ އިޖާބަކުރެއްވިއެވެ. ހުރިހައި ނުރައްކަލަކާ ކުރިމަތިލުމުގެ ހިތްވަރު އަޅުގަނޑަށް ދެއްވިއެވެ. އަޅުގަނޑު އެކަމަށް ތައްޔާރުވެއްޖައީމެވެ.
ދުވަހަކީ 27 މާޗް 2004 އެވެ. އެދުވަަކީ އަޅުގަނޑަށްޓަކައި ވަރަށް ބަރަކާތްތެރި ދުވަހެކެވެ. މާތްﷲ ގެ ފަޟުލުވަންތަކަމުން އެދުވަހު އަޅުގަނޑު ޓްރިނިޓީގެ ޢަޤީދާއިން ސަލާމަތްކުރައްވައި އެއްކައުވަންތަކަމުގެ ޢަޤީދާގެ އަހުލުވެރީންގެ ތެރޭގައި ޝާމިލުކުރައްވައިފިއެވެ. އެޢަޤީދާއަކީ ސަލާމްލެއްވި އާދަމުގެފާނުގެ ޢަޤީދާއެވެ. އަބުލްއަންބިޔާއު އިބްރާހީމްގެފާނުގެ ޢަޤީދާއެވެ. ސަލާމްލެއްވި މޫސާގެފާނާއި ޢީސާގެފާނުގެވެސް ޢަޤީދާއެވެ. އަޅުގަނޑު އިސްލާމްވީ ޖާމިޢާއަޝްރަފިއްޔާގެ ޤާރީ ސަޢީދު އަޙްމަދުގެ އަތްޕުޅުމައްޗަށެވެ. އަޅުގަނޑަށް އަރަބިބަހާއި ކީރިތި ޤުރުއާން ކިޔަވައިދެއްވީ އޭނާކަމުގައިވާތީއެވެ. އަޅުގަނޑު މާތް ﷲ އަށް ޝުކުރު ދަންނަވަމެވެ. އެކަލާނގެ އަޅުގަނޑަށް ޓްރިނިޓީގެ ކަސްތޮޅުތައް ކޮށައިލުމުގެ ހިތްވަރު ދެއްވިކަމަށްޓަކައެވެ.
ކަލާ އިސްލާމްވެވަޑައިގަތުމުން ކަލާގެ އަނބިކަނބަލުންނާއި ބޭފުޅުން ހެއްދެވީ ކިހިނަކުންތޯއެވެ؟
އަޅުގަނޑު އިސްލާމްވުމުގެ ކުރީން އަޅުގަނޑުގެ އަންހެނުންނާއި ކުދީންނާ ވެސް މަޝްވަރާކުރީމެވެ. އިސްލާމްދީނާ ބެހޭގޮތުން އަޅުގަނޑުގެ ނިންމުން އަޑުއިވުމުން އަޅުގަނޑުގެ އަންހެނުން ކުރީކޮޅުގައި ހިސާބަކަށް ނުގަބޫލުކަން ފާޅުކުރިއެވެ. އަޅުގަނޑު ދަންނަވާނީ އޭނާ ނުގަބޫލުވީކީ ނޫންކަމުގައެވެ. ފިކުރުބޮޑުވީކަމުގައެވެ. އޭނާއާވެސް އޭނާގެ ޢާއިލާއާ ގުޅުން ކެނޑިދާނެތީއެވެ. އޭނާއަކީވެސް ގްރެޖުއޭޓެކެވެ. އަޅުގަނޑު ދަލީލުތަކުގެ ބަހުރުވައިން އޭނާއާ ވާހަކަދެއްކީމެވެ. އޭނާގެ ހިތަށް އިސްލާމްދީން ވައްދައިދީ އެދީނާމެދު އޭނާ ރުއްސައި ފިކުރުތަކުން މިނިވަންކުރުވީމެވެ. އަޅުގަނޑުގެ ކުދީންވެސް އުފަލާއެކު އަޅުގަނޑުމެންނާ ބައިވެރިވިއެވެ. އިސްލާމްވުމުގެ ކުރީން އަޅުގަނޑުގެ އަންހެނުންގެ ނަމަކީ އެލިޒަބަތެވެ. މިހާރު އޭނާގެ ނަމަކީ މުސައްރަތެވެ. އަޅުގަނޑުގެ އަންހެން ދަރިފުޅު ކޮމެލްގެ މިހާރުގެ ނަމަކީ ސާއިރާއެވެ. ފިރިހެން ދަރިފުޅު އިޟުޙާޤުގެ ނަމަކީ އިޞްޙާޤެވެ. އަޅުގަނޑުގެ ކުރީގެ ނަން ގުލްޒާރު އޭ. ޕާލް ބަދަލުވެގެން ދިޔައީ ގުލްޒާރު އަޙްމަދަށެވެ.
ކަލާގެ ބައްޕައާއި މަންމަގެ ރައްދު ހުރީ ކިހިނަކުންތޯއެވެ؟
އިސްލާމްވުމުގެ ކުރީން އަޅުގަނޑު މަންމައާއި ބައްޕައާވެސް މަޝްވަރާކުރީމެވެ. ނަމަވެސް އެދެކަނބަލުންގެ ޖަވާބަކީ ރުހިވަޑައިގަތުމުގެ ޖަވާބެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެދެކަނބަލުން ފާޅުކުރެއްވީ ވަރަށް ވަރުގަދަ ދެކޮޅުވެރިކަމެކެވެ. އަޅުގަނޑު އެ ދެކަނބަލުން ރުއްސޭތޯ ބެލީމެވެ. ޙައްޤު ޤަބޫލުކުރައްވާތޯ ވަރަށް ބޮޑަށް މަސައްކަތް ކުރީމެވެ. ނަމަވެސް އަޅުގަނޑަކަށް ކާމިޔާބެއް ނުވިއެވެ. އަޅުގަނޑު އިސްލާމްވުމާއެކު ބައްޕައާއި މަންމަ އަޅުގަނޑު ދޫކޮށްލައްވައިފިއެވެ. އަޅުގަނޑާ ގުޅުން ކަނޑުއްވައިލައްވައިފިއެވެ. އަޅުގަނޑު މިހާރުވެސް މަންމައާއި ބައްޕައާ ބައްދަލުވެ ޚިދުމަތްކޮށްދޭން ބޭނުންވެއެވެ. ނަމަވެސް އެ ދެކަނބަލުންވެސް އަޅުގަނޑާ އެއްވެސް ކަހަލަ ގުޅުމެއް ބާއްވަވާކަށެއް އެއްބަސްވެވަޑައެއް ނުގަންނަވައެވެ. އަޅުގަނޑުގެ މާތް ﷲ ގެ ޙަޟްރަތަށް ދުޢާކުރަނީ އެދެކަނބަލުންގެ ހިތްޕުޅު މަޑުކުރެއްވުން އެދިއެވެ. އެ ދެކަނބަލުންގެ ހިތްޕުޅު އިސްލާމްދީނަށްޓަކައި ތަނަވަސްކޮށްދެއްވައި ހުޅުއްވައިދެއްވުން އެދިއެވެ.
ކަލާ މަސައްކަތްކުރައްވަމުން ގެންދެވި ސެވެންތްޑޭ އެޑްވެންޓިސްޓް އިދާރާގެ މީހުންގެ މީހުންގެ ޢަމަލުތައް ހުރީ ކޮންގޮތަކަށްތޯއެވެ؟
އަޅުގަނޑުގެ އޮފީހުގެ މީހުންނަށް އަޅުގަނޑު އިސްލާމްވިކަން އެނގުނީ ނޫހުގެ THE DAILY NATION ޒަރީޢާއިންނެވެ. 3 އޭޕްރީލްގައެވެ. ޗެއަރމަނަށް އެ ޚަބަރު ލިބޭއިރަށް އަޅުގަނޑު އޭނާގެ ކޮޓަރިއަށް ގެންގޮސްފިއެވެ. އޭނާ އަޅުގަނޑާ ސުވާލުކުރުމުން އަޅުގަނޑު އެއީ ތެދު ޚަބަރެއްކަމުގައި ބުނީމެވެ. އޭނާ އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އަޅުގަނޑު ވަޒީފާއިން ވަކިކޮށްލިއެވެ. ހަމައެއާއެކު އަޅުގަނޑު ދިރިއުޅެން ދީފައި ހުރި ގެ ހުސްކުރަންވެސް ވަގުތުން އެންގިއެވެ. އަދި އެހިސާބަކުން ނިންމައެއް ނުލައެވެ. އައްޑިހަ ހާސް ރުފިޔާ ދައްކަން ވެސް އަޅުގަނޑަށް އެންގިއެވެ. އަޅުގަނޑު އެފައިސާ ދެއްކީ ގޭގެ ފެހާމާނާއި ގެވެހި ކަންވާރު ވިއްކައިލައިގެންނެވެ.
ވަޒީފާއިން ވަކިކުރުމާއި ގެ ހުސްކުރާންޖެހުމަކީ އަޅުގަނޑު ނުވިސްނައި ހުރި ކަންކަމެއްނޫނެވެ. އަޅުގަނޑު ހުރީ އެކަންކަމާ ކުރިމަތިލާން ވިސްނުމުގެ ގޮތުން ތައްޔާރުވެގެންނެވެ. ނަމަވެސް އައްޑިހަ ހާސް ރުފިޔާއަކީ އަޅުގަނޑު ކުރީން ވިސްނައިފައި ނެތް އާފާތެކެވެ. އެހައިތަނުން ކުރިމަތިވި މައްސަލައަކީ ވަޒީފާއެއްގެ މައްސަލައެވެ. އަޅުގަނޑު ތިންމަސް ދުވަސް ވަންދެން ގޮތްހުސްވެފައި ހުރީމެވެ. ގޭގެ އިޤްތިޞާދީ ޙާލަތު ވަރަށް ގޯސްވިއެވެ. އަޅުގަނޑުގެ އަންހެނުންނާއި ކުދީން އަޅުގަނޑާ ވަރަށް ބޮޑަށް އެއްބާރުލިއެވެ. އަޅުގަނޑުގެ އަންހެނުން ޓިއުޝަން ސެންޓަރެއް ހުޅުވިއެވެ. ސަލީމް ބުޚާރީ އަޅުގަނޑު ގޮވައިގެން ނެސްލޭ ޑިސްޓްރިބިއުޓަރ ޖަނާބު ޝައިޚް ޖާބިރުގެ އަރިހަށް ވަޑައިގެންނެވިއެވެ. އެތަނުން އަޅުގަނޑަށް ވަޒީ ލިބުނެވެ. ޝައިޚް ޖާބިރަކީ ވަރަށް މާތް އިންސާނެކެވެ. އަޅުގަނޑާ ކުރިމަތިވި ދަތި އުނދަގޫ މައްސަލައިގައި އޭނާ އަޅުގަނޑަށް ވަރަށް ބޮޑަށް އެހީވެދެއްވިއެވެ. އަޅުގަނޑު ދުވަހަކުވެސް އެކަން ހަނދާންނައްތައެއްނުލާނަމެވެ.
ކަލާއަށް އިތުރަށް ކުރިމަތިވި އުނދަގޫތަކަކީ ކޮބައިތޯއެވެ؟
ކްރިސްޓިއަނުންގެ ބައެއްމީހުން އަޅުގަނޑުގެ ޖާނީ ދުޝްމަނުން ކަމުގައިވިއެވެ. އޭގެތެރެއިން ގިނަ މީހުންނަކީ މުސްލިމުންގެ މިލްކުގައިވާ ބޮޑެތި ޤައުމީ ނޫސްތަކުގެ މުހިންމު މަޤާމުތަކުގައި ތިބި މީހުންނެވެ. މިހާރުވެސް އަޅުގަނޑު މަރައިލަންވެސް އެބަ މަސައްކަތްކުރެއެވެ. އެއްދުވަހަކު އަޅުގަނޑުގެ އަންހެނުންނާއި ކުދިން ގޮވައިގެން ޖޭލްރޯޑުގައި ހުންނަ ސާވިސަސް ހޮސްޕިޓަލަށް ދިޔައީމެވެ. ބަލިމީހަކަށް ގޮވައިލުމަށްޓަކައެވެ. އެތާނގެ މުވައްޒަފުން އަޅުގަނޑު ދަނެއެވެ. ކޮންމެވެސް މީހަކު އަޅުގަނޑު ދުޝްމިނުންނަށް އެ ޚަބަރު ދިނީކަމުގައި ވެދާނެއެވެ. އަޅުގަނޑު ހޮސްޕިޓަލުން ނިކުތްތަނާ ކާރެއްގައި އައި މީހެއް އޭނާގެ ކާރުން ޖައްސައި އަޅުގަނޑު ޢާއިލާއާއެކު ޗިސްކޮށްލާން މަސައްކަތްކުރިއެވެ. މާތް ﷲ ގެ ދީލަތިވަންތަކަމާއި ރަޙްމަތްވަންތަކަމުން އަޅުގަނޑުމެން ސަލާމަތްވީއެވެ. ކާރު ދުއްވި މީހާ އަޅުގަނޑުމެންގެ ގައިގައި ކާރުން ޖައްސާން ކުރި މަސައްކަތުގެ ސަރީޙުކަން ހުރިވަރީ ތިންވަނަ ކްލާހުގައި ކިޔަވާ އަޅުގަނޑުގެ ދަރިފުޅަށް ވެސް ބުނެލެވުނެވެ. "ބައްޕާއެވެ! އަޅުގަނޑަށް ހީވާގޮތުގައި އޭނާ އެއުޅެނީ ބައްޕަ މަރައިލާންވެގެންނެވެ." އަޅުގަނޑުގެ އަންހެނުން ވެއްޓިފައި އޮއްވައި ނެގި މުސްކުޅިޔާވެސް ބުންޏެވެ. "ކާރުދުއްވަން އިން މީހާ ތިޔަބައިމީހުންގެ ގައިގައި ކާރުން ޖައްސަން އޭނާއަށް ވެވުނު އެންމެ ބޮޑަކަށް މަސައްކަތްކޮށްފިއެވެ. މާތް ﷲ ތިޔަބައިމީހުން ސަލާމަތްކުރެއްވީއެވެ." އަޅުގަނޑު އެކާރުގެ ނަންބަރު ނޯޓުކުރީމެވެ. ފަހުން އެނގުނުގޮތުގައި އެކާރަކީ ފާދަރެއްގެ ކާރެކެވެ. ކްރިސްޓިއަނުންގެ އެބާވަތުގެ ޢަމަލުތައް އަދިވެސް ނުހުއްޓައެވެ. އެމީހުން ހީކުރަނީ އަޅުގަނޑު ގޮތްހުސްވެގެން އަލުން ކްރިސްޓިއަންދީނަށް ވަދެދާނެކަމުގައެވެ. ޝައްކެއްނެތެވެ. ކަންތައް ހުންނަނީ ވަރަށްވެސް ނާރުތަކަށް ބާރުކުރާ ކަހަލަ ގޮތަކަށެވެ. ނަމަވެސް މާތް ﷲ އަޅުގަނޑަށް ސާބިތުކަން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތެވެ. އަޅުގަނޑު ކުރީން އުޅުނު ހިސާބުގަނޑުގެ އަވަށްޓެރި ކްރިސްޓިއަނުން އަޅުގަނޑުގެ ކުދީންގެ ގާތުގައި ބުނެފައިވެއެވެ. "ކަލޭމެންނަށް ތިޔަ ދަތި ޙާލުގައި އުޅޭންޖެހުނީ ކަލޭމެންގެ ބައްޕަ އިސްލާމްވުމުގެ ސަބަބުންނެވެ." ނަމަވެސް މާތް ﷲ އަށް ޝުކުރު ހުއްޓެވެ. އަޅުގަނޑުގެ ކުދީންނަކަށް އެ ޒަހަރަކުން އަސަރެއްނުކުރެއެވެ.
ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުވުމުން ކަލާއަށް ކުރެއްވުނީ ކޮންކަހަލަ އިޙްސާސެއްތޯއެވެ؟
އަޅުގަނޑުގެ ހަށިގަނޑުގެ ތެރޭގައި އުފާވެރިކަމުގެ ރާޅެއް ދަތުރުކުރި ކަހަލައެވެ. އެ އިޙްސާސްތައް ލަފުޒުތަކަކުން ބަޔާންކުރުމަކީ އަޅުގަނޑަށް ކުޅަދާނަކަމެއް ނޫނެވެ. އަމިއްލަފުޅަށް ވިސްނައިވަޑައިގެންބައްލަވާށެވެ. އަހަރުތަކެއްގެ ބުރަ މަސައްކަތަށްފަހު މީހަކަށް އެމީހެއްގެ މަންޒިލަށް ވާޞިލުވެވުމުން އެމީހެއްގެ ހިތަށް ލިބޭނެ އުފަލުގެ ވަކި ޙައްދެއް އޮންނާނެތޯއެވެ؟ އަޅުގަނޑަށްވެސް ލިބުނީ އެފަދަ މަތިވެރި އުފަލެކެވެ. އަޅުގަނޑަށް އެކަން ސިފަކޮށެއް ނުދެވޭނެއެވެ.
ކަލާގެ މުސްލިމު ރަޙްމަތްތެރީންގެ ރައްދު ޢަމަލު ހުރީ ކޮންގޮތަކަށްތޯއެވެ؟
އަޅުގަނޑު އިސްލާމްދީން ޤަބޫލުކުރުމުން އެބައިމީހުން ވަރަށް އުފާވިއެވެ.
އިސްލާމްވެވަޑައިގަތުމާ ވިދިގެން ކަލާޔަށް ވަރަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ. އެކަމާ ކަންބޮޑުވެވަޑައިގެން އިސްލާމްވެވަޑައިގެންނެވުނީތީ ކުޑަކޮށްވެސް ހިތާމަކުރައްވާން ޖެހިވަޑައިގެންނެވިތޯއެވެ؟
އިސްލާމްވުމުގެ ކުރީން އަޅުގަނޑަށް ވަނީ ދިމާވެދާނެ ހުރިހާ ކަމެއް އަންދާޒާކުރެވިފައެވެ. ޙައްޤުގެ މަގުގައި ހިނގާ މީހުނަށް ޙައްޤުގެ ދުޝްމިނުން މާމެލާމެލިން ވެދުންކުރުމާއި، ރަތްދޫލައިގެ މަރްޙަބާ ކިޔުމަކީ އެއްވެސްތާކު ހިނގައިފައިވާ ކަންކަމެއްނޫނެވެ. ސަލާމްލެއްވި ނަބީބޭކަލުންނާއި އެބޭކަލުންގެ އެކުވެރީން އަބަދުވެސް ބަރުދާސްކުރެއްވީ އުނދަގުލާއި ކެކުޅުމެވެ. ޚުދް ޢީސާ ޢަލައިހިއްސަލާމަށް ޔަހޫދީން ނުކުރާ އިހާނެތިކަމަކީ ކޮބައިތޯއެވެ؟ ކީރިތި ޤުރްއާނުގައިވާ ކަހްފުބާގައިގެ މީހުންގެ ވާހަކައާއި އަސްހާބުލްއުޚުދޫދުގެ ވާހަކަ ވިދާޅުވެބައްލަވާށެވެ. އެބައިމީހުންނަކީ ޢިސާ ޢަލައިހިއްސަލާމަށް ތަބާވި ބައެކެވެ. ސަލާމާއި ޞަލަވާތްލެއްވި މާތްރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ މާތް ޞަޙާބީންނަށް ދުޝްމިނުން ކުރި ބޮޑެތި އަނިޔާތަކާއި، ދިން އުނދަގޫތަކާއި ދުއްތުރާތައް ހަނދުމަފުޅަށް ގެންނަވައިބައްލަވާށެވެ. އެކަންކަމާ އަޅައިބަލާއިރު އަޅުގަނޑަށް ބަޔަކު އެއްވެސްކަމެއް ނުކުރާފަދައެވެ. ޙައްޤުގެ މަގުގެ ދަތުރުވެރީންނާމެދު މިހިރީ ހައްތާވެސް ހިނގާ ކަންކަމެވެ. އެހެންކަމުން އެކަންކަމާމެދު ދެރަވެ ހިތާމަކުރުމުގެ ސުވާލެއްވެސް ނުއުފެދެއެވެ. އަޅުގަނޑުގެ އެއްކުއްޖަކާމެދު ފިކުރުބޮޑުވެއެވެ. ޖޭލްރޯޑުގެ ޙާދިޘާއަށްފަހު އެދަރިފުޅު ހުންނަނީ ސިކުނޑީގެގޮތުން ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އޭނާއަކީ ވިސްނުންތެރި ކުއްޖެކެވެ. ވަރަށް ޙައްސާސް ކުއްޖެކެވެ. އޭނާއަށްވަނީ ވަރަށް އެޙާދިޘާގެ އަސަރުކޮށްފައެވެ. މާތް ﷲ އަޅުގަނޑުމެންނަށް ވަގުތުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރުދެއްވުން އެދިވަޑައިގެން ދުޢާކޮށްދެއްވާށެވެ.
ކަލާގެ ދީން ތިޔަ ބަދަލުކުރެއްވީ ކްރިސްޓިއަނިޓީން ކަލާއަށް ފެނިވަޑައިގެންނެވި ކޮންކޮން އުނިކަންތައްތަކެއްގެ ސަބަބުންތޯއެވެ؟
ކަލާގެ ސުވާލުގެ ބައެއް އިޞްލާޙުކޮށްލައްވާށެވެ. އަޅުގަނޑު ދީން ބަދަލެއް ނުކުރަމެވެ. މާތް ﷲ ގެ ހަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ. އަޅުގަނޑު މަގުއޮޅިގެން އުޅެފައި ރަނގަޅު މަގަށް އެނބުރި އައީއެވެ. ޚުދު ޢީސާ ޢަލައިހިއްސަލާމްގެ ދީނަކީވެސް އިސްލާމްދީނެވެ. އެންމެހައި ނަބީބޭކަލުންގެ ދީނަކީވެސް އިސްލާމްދީނެވެ. ދެންއޮތީ ކްރިސްޓިއަން ދީނުގައި ހުރި އުނިކަންތައްތަކުގެ ވާހަކައެވެ. ކްރިސްޓިއަނިޓީގައި ހުރީ އުނިއެއްކަމެއް ދެކަމެއްނޫނެވެ. ކްރިސްޓިއަނިޓީގެ ޢަޤީދާތަކާމެދު އަޅުގަނޑުގެ ހިތުގައި ޝައްކާއި ވަހުމުތައް އުފެދުނީ އެކަންކަމާހުރެއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު