އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެމްޓީސީސީއަކީ އެއް ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏަކަށް ހެދުން ކަމުގައި އެކުންފުނީގެ ސީއީއޯ، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި އާޒިމް ރޭ ވިދާޅުވީ، މި ސަރުކާރު އައި ފަހުން އެމްޓީސީސީއަކީ ފައިދާވާ ކުންފުންޏަކަށް ހެދިއްޖެ ކަމަށާއި އެމްޓީސީސީގެ ފައިދާ އަހަރަކަށް ވުރެ އަހަރެއް އިތުރު ކަމަށެވެ.

އާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒަކީ، އެމްޓީސީސީއަކީ ބައިނަލްއަގުވާމީ މަޝްރޫއުތައް ހިންގޭ ފެންވަރުގެ ކުންފުންޏަކަށް ހެދުން ކަމަށާއި އެކަމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މައިގަނޑު ސަބަބަކީވެސް އެއީ ކަމުގައި އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ މުވައްޒަފުންގެ އަދަދު ދެގުނަ ކުރެވިފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މިހާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެކުންފުންޏަކީ ބިލިއަން ޑޮލަރުގެ ކުންފުންޏަކަށް ހެދުން ކަމަށެވެ.

"އަޅުގަނޑުމެން މިއަދު އެމްޓީސީސީ ކުރިއަށްގެންދާއިރުގައި ކުރިއަށް އޮތް ފަސް އަހަރު އަޅުގަނޑުމެން އަމާޒު ހިފާފައި މިހުރީ އެމްޓީސީސީއަކީ އެއް ބިލިއަން ޑޮލަރުގެ ކުންފުންޏަކަށް ހަދަން" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އެމްޓީސީސީ އެއް ބިލިއަން ޑޮލަރުގެ ކުންފުންޏަކަށް ހެދޭނީ ގާބިލު މުވައްޒަފުންތަކެއް ތަމްރީންކޮށްގެން ކަމަށެވެ. އެގޮތުން މިހާރުވެސް 15 ސްކޮލާޝިޕެއް މުވައްޒަފުންނަށް ދީފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މުވައްޒަފުން ތަމްރީނު ކުރުމަށް 100-150 މިލިއަން ރުފިޔާ ހަރަދުކުރުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.