އިންޑިއާގެ ޓީވީ ތަރި އަދި ބޮލީވުޑް ބަތަލާ މޯނީ ރޯއީ މިއަދު ކައިވެނިކޮށްފިއެވެ.

މޯނީ ރޯއީ ކައިވެނިކޮށްފައިވަނީ ޑުބާއީގެ އިންވެސްޓްމެންޓް ބޭންކަރެއް ކަމަށްވާ ބެންގަލޫރަށް ނިސްބަތްވާ ސޫރަޖް ނަމްބިއާރް އާއެވެ.

ގޯއާގައި އިއްޔެ ބޭއްވި ކުލަގަދަ ހަފުލާއަކަށްފަހު މި ދެމީހުންގެ ކައިވެނީގެ ފޮޓޯތައް ވަނީ އެދެމީހުންގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުތަކުގައި ހިއްސާކޮށް ކައިވެނިކުރިކަން ޔަގީންކޮށްދީފައެވެ.

މޯނީގެ މަގުބޫލު ޓީވީ ޝޯ ''ނާގިން'' ސީރީސްގައި އެކުގައި މަސައްކަތްކުރި އަރްޖުން ބިޖްލާނީ އެދެމަފިންނާއެކު ކައިވެނީގެ ހަފުލާގައި ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފައިވާއިރު އަރްޖުންގެ އިތުރުން ބަތަލާ މަންދިިރާ ބޭދީވެސް ވަނީ މި ދެމީހުންގެ ކައިވެނީގެ ހަފުލާގައި ބައިވެރިވެ ފޮޓޯތައް ހިއްސާކޮށްފައެވެ. މޯނީ އަދި ސޫރަޖްގެ ސަންގީތު އަދި މެހެންދީގެ ފޮޓޯތައް އިއްޔެ ވަނީ އާއްމުވެފައެވެ.

މޯނީ އަދި ސޫރަޖުގެ ކައިވެނީގެ ހަބަރާއެކު އިންޑަސްޓްރީގެ ގިނަ ފަންނާނުން އަންނަނީ މިދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

މޯނީ ރޯއީ އެންމެ ފުރަތަމަ ''ކިޔޫންކީ ސާސްބީ ކަބީ ބަހޫ ތީ'' ސީރީސް ފެނިގެން ގޮސްފައިވާއިރު އެންމެބޮޑަށް ވިދާލާފައިވަނީ ''ނާގިން'' ސީރީސްއިންނެވެ. އެއަށްފަހު ބޮލީވުޑަށް ނުކުމެފައިވަނީ އަކްޝޭ ކުމާރު އާއެކު ފެނިގެން ދިޔަ 2018ވަނަ އަހަރުގެ ފިލްމު ''ގޯލްޑް'' އިންނެވެ. އަދި އޭގެ އިތުރުން ޖޯން އަބްރަހަމް އާއެކު 2019ވަނަ އަހަރުގެ ފިލްމު ''ރޯ'' އިން ފެނިގެން ގޮސްފައިވާއިރު ރާޖް ކުމާރް ރާއޯ އާއެކު ފިލްމު ''މޭޑް އިން ޗައިނާ'' ގައި ވަނީ ފެނިގެން ގޮސްފައެވެ. އަދި ކުރިއަށް ރިލީސްވާން ތައްޔާރުވަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ދިގު އިންތިޒާރަކަށްފަހު މިއަހަރު ރިލީސްކުރަން ހަމަޖެހިފައިވާ އާލިއާ ބަޓް އަދި ރަންބީރް ކަޕޫރުގެ ކުރިއަށް އޮތް ފިލްމު ''ބްރަހްމަސްތުރާ''ގައި މޯނީ ފެނިގެންދާނެއެވެ.