2030 ވަނަ އަހަރު ބާއްވާ ވޯލްޑް އެކްސްޕޯ، ސައުދީ އަރަބިއްޔާގައި ބާއްވަން ދިވެހިރާއްޖެއިން ތާއީދުކުރާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އާލް ސައޫދާއިއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ފޯންކޯލްގައި، ދެގައުމުގެ އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންނާއި، ސައުދީ ފަންޑުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ސައުދީގެ ހާރިޖީގެ ވަޒީރާ މަޝްވަރާކުރެއްވި ކަމަށެވެ.

ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންވެސް ވާހަކަފުޅުދެއްކެވި ކަމަށް ވިދާޅުވި އެވެ.