ކުޅިވަރު

އެކުއެޓޯރިއަލް ގީނީގެ ހުވަފެނީ ދަތުރު ކުރިއަށް، ޕެނަލްޓީގައި މާލީ ބަލިކޮށް ކުއާޓާއަށް

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ކުއާޓާ ފައިނަލް ފަހު ޖާގަ އެކުއެޓޯރިއަލް ގީނީގެ ހޯދައިފިއެވެ.

އެކުއެޓޯރިއަލް ގީނީން 2015 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެފްކޯންގެ ކުއާޓާ ފައިނަލަށް ދިޔައީ ރޭ ޕެނަލްޓީގައި މާލީ ބަލިކޮށްގެންނެވެ. ގްރޫޕް ސްޓޭޖުން އެންމެފަހުގެ ޗެމްޕިއަން އަލްޖީރިއާ ކަޓުވާލައިފައި ގަދަ 16 އަށް ދިޔަ އެކުއެޓޯރިއަލް ގީނީއަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކީ އުމުރުން 20 އަހަރުގެ ގޯލްކީޕަރު ޖީސަސް އޮވޯނޯއެވެ.

މެޗު 0-0 އިން ޖެހި ޕެނަލްޓީގައި އޮވޯނޯގެ ދެ ސޭވްއެއް ފެނިގެން ގޮސްފައިވާ އިރު، މާލީގެ މައްޗަށް އެކުއެޓޯރިއަލް ގީނީން ކުރި ހޯދީ 6-5ގެ ނަތީޖާއަކުންނެވެ.

ފީފާ ރޭންކިންއަށް ބަލާ އިރު، އެކުއެޓޯރިއަލް ގީނީ އަށްވުރެ 61 ދަރަޖަ މަތީގައި މާލީ އޮތް އޮތުންވީ ރޭގެ މެޗުގެ ނަތީޖާގެ ހައިރާންކަން ބޮޑުވި ސަބަބަށެވެ. މެޗުގައި މާލީން ހަލުވު ޕާސިން ކުޅުމެއް ކުޅުނު އިރު، އާރްބީ ލެއިޕްޒިގްގެ ތަރި އަމަޑޫ ހައިޑާރާއަށް ލިބުނު ފުރުސަތުގައި އޭނާއަށް ރަނގަޅަށް ބޯޅަ ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފަށް ނުކުމެ މާލީންވެސް ފުރުސަތު ތަނަވަސް ކުރިއެވެ. ރެޑްބުލް ސާލްސްބާގަށް ކުޅޭ މުހައްމަދު ކަމާރާއަށް ލިބުނު ފުރުސަތު އޭނާ ނަގާލި އިރު، މޫސާ ޖެނެޕޯގެ ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗުގެ 120 މިނެޓު ހަމަވި އިރު، އެންމެ ހަމަލާއެއް ގޯލަށް އަމާޒުވެގެން ދިޔަތަން ފެނުނު އިރު، ޕެނަލްޓީއަށް ގޮސް، ފުރަތަމަ ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ގޯލްކީޕަރަކުވެސް އެއް ޕެނަލްޓީ މަތަކުރި އެވެ.

ފަހު ޕެނަލްޓީއާ ހަމައަށް ގޮސް އޮވޯނޯ މަތަކުރީ ފްލައޭ ސަކޯ ޖެހި ޕެނަލްޓީއެވެ. މާލީއަކީ މެޗަށް ފެވަރިޓުން ނަމަވެސް އެކުއެޓޯރިއަލް ގީނީވީ ސަޕްރައިޒް ޓީމަކަށެވެ. ކުއާޓާގައި އެޓީމަށް ނުކުންނަން ޖެހޭނީ ވަރުގަދަ ސެނެގާލާ ދެކޮޅަށެވެ.