މެދުތެރޭ އޭޝިއާގެ ގައުމުތަކާ ގުޅުންތައް ރަނގަޅުކުރުމުގެ ބޭނުމުގައި ޗައިނާއިން 50 މިލިއަން ޑޯޒުގެ ސިނޮފާމް ވެކްސިން ފޯރުކޮށްދޭން ވައުދުވެއްޖެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް އިގުތިސޯދީގޮތުން އެހީތެރިވުމަށް 500 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންފައެވެ. އޭގެ އިތުރުން މިއަހަރުގެ ތެރޭގައި އެގައުމުތަކަށް 50 މިލިއަން ޑޯޒުގެ ހިލޭ ކޮވިޑް ވެކްސިން ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ރައީސް މިފަދައިން ވިދާޅުވެފައިވަނީ ކުރީގެ ސޯވިއެޓް ރިޕަބްލިކްގެ ގައުމުތަކާއި ޗައިނާއިން ގާއިމުކުރެވިފައިވާ 30 އަހަރުގެ ދާހިލީ ގުޅުން ފާހަގަކުރުމުގެ ގޮތުން ކަޒިކިސްތާން، ކިރިގިސްތާން، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި އުޒްބެކިސްތާނުގެ ސަމިޓް ލީޑަރުންނާއެކު 25 ޖެނުއަރީ 2022 ދުވަހު އޮންލައިންކޮށް ކުރިއަށް ގެންދެވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

މެދުތެރޭ އޭޝިއާގެ ގައުމުތަކުގައި ވެކްސިން ލިބުމުގައި ހުރި ދަތިތަތަކާއި ވެކްސިނަށް ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ވެކްސިން ދެވިފައިވާ އާބާދީ އުޅެނީ ނިސްބަތުން ދަށުގައެވެ. އަދި މިކަމަށް އެހީތެރިވުމަށް ވޯލްޑް ބޭންކުން ވަނީ ވަށައިގެންވާ ގައުމުތަކަށް މީގެކުރިން ގޮވާލާފައެވެ.

ޗައިނާއިން މިސަރަހައްދުގެ ގައުމުތަކާ ރަނގަޅު ގުޅުމެއް އުފެދިފައިވީނަމަވެސް މިއީ މޮސްކޯގެ ބާރުހިނގާ ގައުމުތަކަކަށް ވުމުން ޗައިނާއިން ވަނީ ކޮންމެވެސް ވަރެއްގެ އިންތަކެއް ދަމަހައްޓާފައެވެ.

ޗައިނާއިން ގިނަ ގައުމުތަކާއެކު ގުޅުންތައް ރަނގަޅުކުރުމުގެ ބޭނުމުގައި ހިލޭ ވެކްސިން ފޯރުކޮށްދެމުން އަންނަނީ ޗައިނާގެ ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކަށް ހިލޭ ވެކްސިން ފޯރުކޮށްދެމުން އައިސްފައިވާ ޗައިނާއިން މިކަން ދޮގުކޮށް މިކަމުގައި ސިޔާސީ މަންފާއެއް ނުހިމެނޭކަމަށް ވަނީ ބުނެފައެވެ.

ޗައިނާއިން ހިލޭ ފޯރުކޮށްދޭ ސިނޮވެކް އަދި ސިނޮފާމް ވެކްސިން ބައެއް ގައުމުތަކުން ބަލައިގަތުމަށް އިންކާރުކޮށްފައިިވަނީ ބަލިން ދިފާއުކޮށްދިނުމުގައި ސިނޮފާމް އާމެދު އިިތުބާރު ކުޑަވެ ސައްހަ މައުލޫމާތު ނުލިބޭކަމަށް ބުނެއެވެ.