އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ގަދަ 16 ގައި އައިވޮރީ ކޯސްޓް ބަލިކޮށް، މިސްރުން ކުއާޓާ ފައިނަލް ޔަގީންކޮށްފިއެވެ.

މިސްރުން މުބާރާތުގައި އެންމެ ފޯމު ރަނގަޅުކޮށް އޮތް އައިވޮރީ ކޯސްޓު ބަލިކުރީ ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ ދެޓީމަށްވެސް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. އިތުރު ވަގުތު ކުޅެވެސް ގޯލެއް ފެނިފައިނުވި ނަމަވެސް ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނުނެވެ.

މެޗުގެ ފުރަތަމަ ހާފުގައިވެސް މިސްރުގެ މުހައްމަދު ސަލާހުގެ ދެ ހަމަލާއެއް ފާހަގަވެގެން ދިޔަ އިރު، އައިވޮރީ ކޯސްޓުގެ މެކްސް އަލައިން ގްރާޑެލް ފުރަތަމަ ހާފުގައި އުފެއްދި ހަމަލާއެއް މިސްރުގެ ގޯލްކީޕަރު މުހައްމަދު އަލް ޝެނާވީ ވަނީ މަތަކޮށްފައެވެ. އޭގެ އިތުރުން ސެބެސްޓިއަން ހެލާ ބޮލުން ޖެހި ހަމަލާއެއްވެސް މިސްރުގެ ގޯލްކީޕަރު ޝެނާވީ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އައިވޮރީ ކޯސްޓުގެ އެންމެ މުހިއްމު އެއް މިޑްފީލްޑަރު ފްރޭންކް ކެސީއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، ދެވަނަ ހާފުގައި މިސްރުގެ ގޯލްކީޕަރު ޝެނާވީއަށް އަނިޔާވެ އޭނާ ބާލަން ޖެހިފައިވެއެވެ. ބަދަލުގައި ކުޅެން ނުކުތީ ގަބަސްކީއެވެ. ގަބިސްކީ ޕެނަލްޓީ ޝޫޓްއައުޓްގައި މަތަކުރީ އައިވޮރީ ކޯސްޓުގެ މެންޗެސްޓާ ޔުނައިޓެޑް ޑިފެންޑަރު އެރިކް ބެއިލީ ޖެހި ޕެނަލްޓީއެވެ.

ރެކޯޑު ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ މިސްރުން މެޗުން މޮޅުކޮށްދިން ޕެނަލްޓީ ޖެހީ ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހެވެ. ސަލާހު ފަހު ޕެނަލްޓީ ޖަހަން ގޮސް ހަމަޖެހިލާފައި ހުރި އިރު، އޭނާގެ ޕެނަލްޓީ އަމާޒުކޮށްލީ ސީދާ ގޯލުގެ ތިރީ ކަނަށެވެ.

މިސްރުން ކުއާޓާ ފައިނަލުގައި ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.