ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްސަލައިގައި ކުރިމިނަލް ކޯޓުގެ އަމަލުކުރަމުން އަންނަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ކުރިމިނަލް ކޯޓުން މިއަދު ވަނީ މަހުލޫފުގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާ ކުރިއަށް ގެންދިޔުން މަޑު ޖެހިފައިވަނީ ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން ކަމަށް ބުނެފައެވެ.

ކުރިމިނަލް ކޯޓުގެ އެ ނިންމުމާ ގުޅިގެން ޓްރާންސްޕޭރެންސީން މިރޭ ކުރި ޓުވީޓެއްގައި ބުނީ މަހުލޫފުގެ މައްސަލައިގައި ކުރިމިނަލް ކޯޓުން އަމަލުކުރަމުން ގެންދަނީ ދެފުށް ފެެންނަ ގޮތަކަށް ނޫން ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުން ފެށިގެން ކޮވިޑްގެ ސަބަބުން އޮންލައިންކޮށް ވީޑިއޯ އާއި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ބޭއްވުމުގެ އުސޫލެއް ގާއިމު ކޮށްފައިވާކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

މަހުލޫފުގެ ޝަރީއަތް ފަސްކުރުމަށް ކުރިމިނަލް ކޯޓުން ނިންމުމުންނާއި މަހުލޫފުގެ މައްޗަށް ދައުވާ ކުރުމުން ވެސް މިނިސްޓަރު ކަމުގައި މަހުލޫފު ހުންނެވުމުން ޓްރާންސްޕޭރެންސީން ވަނީ ކަންބޮނޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ އެއްވެސް ވަޒީފާއެއްގައި ހުރި މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލައިފިނަމަ އެމީހަކު މަގާމުން ދުރުކުރާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވާކަން ފާހަގަކޮށް އެގޮތައް އަމަލު ނުކުރާތީ ވެސް ޓްރާންސްޕޭރެންސީ ވަނީ ކަންބޮނޑުވުން ފާޅުކޮށްފައެވެ.

މަހުލޫފުގެ މައްސަލަ ޕީޖީން ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ. ނަމަވެސް އެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.

ދައުލަތުގެ ފަރާތުން މަހުލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރަނީ 18 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް) ބިލް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީއެވެ. އެ ފައިސާއަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފައެވެ.