މާފަންނު ގެއެއްގެ ތެރޭގައި މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް އާއިލާއިން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:03ގައި މާފަންނު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. މަރުވެފައި އޮއްވައި ފެނުނީ އުމުރުން 49 އަހަރުގެ މީހެއް ކަމަށާއި މިމަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ މީގެ ކުރިން އެސްޓީއޯގެ ސީނިއާ މެނޭޖަރެއްގެ މަގާމު އަދާކުރެއްވި އަހުމަދު ނާޝިދު އެވެ. އޭނާ ވަނީ 21 އަހަރާއި ހަ މަހާއި ހަތަރު ދުވަސް ވަންދެން އެ ކުންފުނީގެ އެކި މަގާމުތައް އަދާ ކުރައްވާފަ އެވެ.

އެސްޓީއޯއިން އޭނާ ވަކިވެފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ. ވަކިވި އިރު ހުންނެވީ އެސްޓީއޯގެ މެޑިކަލް ޑިޕާޓުމަންޓުގެ ސީނިއާ މެނޭޖަރެއްގެ މަގާމުގަ އެވެ.

ނާޝިދުގެ އާއިލާގެ މީހަކު "ވަން" އަށް މިއަދު ބުނީ އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް ބެލެވޭ ކަމަށެވެ. ހަށިގަނޑުގެ ބޭރުން އެއްވެސް އަނިޔާއެއް ވެފައި ނެތް ކަމަށާއި އެ މަރުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

"ނިދާ ނުހޭލައިގެން ބެލި އިރު އޮތީ މަރުވެފައި. އަނެއްހެން މިއީ ނެޗުރަލް ޑެތެއް. ޝައްކު ކުރެވޭ އެއްވެސް ކަހަލަ ކަމެއް ނެތް." ނާޝިދުގެ ކަށު ނަމާދުގެ ވަގުތު ގާތްވެފައި ވުމުން ގިނަ ވާހަކަތަކެއް ނުދައްކައި ފޯނު ބާއްވަމުން އޭނާ ބުންޏެވެ.

ނާޝިދުގެ ކަށު ނަމާދު މިއަދު އަސްރު ނަމާދުގެ ފަހުން ވަނީ ކޮށްފަ އެވެ.