އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުގައި މަލާވީ ބަލިކޮށް، މޮރޮކޯއިން ކުއާޓާ ފައިނަލް ޖާގައެއް ޔަގީން ކޮށްފިއެވެ.

ކެމަރޫންގެ ޔޯންޑޭގެ އަހުމަޑޯ އަހީޖޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު މޮރޮކޯއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން މޮރޮކޯ މޮޅުވީ ފަހަތުން އަރައެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މޮރޮކޯގެ ޕީއެސްޖީ ޑިފެންޑަރު އަޝްރަފު ހަކީމީގެ މަސައްކަތެވެ. ރޭގެ މެޗުން މޮރޮކޯ މޮޅުވީވެސް ހަކީމީގެ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. ހަކީމީ ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް ހިތްގައިމު ހިލޭ ޖެހުމަކުން ގޯލު ޖަހައިފައެވެ.

މެޗަށް ނުކުތް އިރު ފެވަރިޓުންނަކީ މޮރޮކޯ ނަމަވެސް ލީޑު ނެގީ މަލާވީ އެވެ. ގަބަޑީނޯ ހަންގޯގެ ރީތި ގޯލާއެކު މަލާވީން ލީޑު ނެގި އިރު، އޭގެ 15 ވަރަކަށް މިނެޓް ފަހުން ހަންގޯއަށް ވަނީ ގޯލު ޖަހާނެ އިތުރު ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އެ ދެހަމަލާ މަލާވީގެ ފަރާތުން ފެނުނު ނަމަވެސް ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށް ކުޅުނީ މޮރޮކޯއިންނެވެ.

ސެވިއްޔާގެ ފޯވަޑް ޔޫސުފް އެން ނެސީރީގެ ގޯލުން މޮރޮކޯ ނަތީޖާ ހަމަހަމަވެސް ކުރިއެވެ. އަދި އޭގެ އިތުރުން ސޮފިއާން ބޯފަލް އާއި ރޯމަން ސައިސްގެ ހަމަލާތައް ފާހަގަ ކޮށްލެވުނެވެ. ސައިސް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގައި ހަކީމީ ޖެހި ހިލޭ ޖެހުން ފެނުނީ 70 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ކަނާތް ފަރާތު އަރިމަތިން ލިބުނު ހިލޭ ޖެހުން ހަކީމީ އޮޅާލީ ކައިރި ކަނަށެވެ.

މޮރޮކޯއިން ކުއާޓާ ފައިނަލްގައި ކުޅެން ޖެހޭނެ ޓީމު އެނގޭނީ މިރޭ މިސްރާއި އައިވޮރީ ކޯސްޓް ކުޅޭ ގަދަ 16 ގެ މެޗަށްފަހުއެވެ.