ޚަބަރު

މީހުން ވެއްޓި އަނިޔާވާތީ ހުޅުމާލޭ ފެންޓަސީ އެކްސްޕްރެސް ބަންދުކުރަން ނިންމައިފި

އަލީ ޔާމިން

1

ހުޅުމާލޭގެ ސެންޓްރޯ މޯލްގައި ހުންނަ ފެންޓަސީ ސްޓޯރަށް ވަންނަ އިރު ހަރުފަތްތައް ހަދާފައި ހުންނަ ގޮތުން މީހުން ވެއްޓި އަނިޔާވާތީ އާއި އެތަނަކީ ސުޕަމާކެޓެއް ހިންގަން އެކަށީގެންވާ ތަނަކަށް ނުވާތީ އެ ފިހާރަ ބަންދުކުރަން ނިންމައިފިއެވެ.

ފެންޓަސީ ސްޓޯރުގެ ބޭރުގައި ހަރުކޮށްފައިވާ ނޯޓިސްގައި ބުނީ މިމަހުގެ 31 ވަނަ ދުވަހު އެ ސްޓޯރުގެ ހިދުމަތް ދާއިމީ ގޮތެއްގައި ހުއްޓާލާނެ ކަމަށެވެ. އެގޮތަށް ނިންމީ ފެންޓަސީ އެކްސްޕްރެސް ސުޕަމާކެޓް ހިންގާ އިމާރާތަކީ ޖާގައިގެ ގޮތުންނާއި ޑިޒައިން ކުރެވިފައިވާ ގޮތުން ސުޕަމާކެޓް ވިޔަފާރި ހިންގަން ކަމުދާތަނަކަށް ނުވާތީ ކަމަށެވެ.

އެ ނޯޓިސްގައި ބުނީ އެކަމުގެ ސަބަބުން އެކަށީގެންވާ ރަނގަޅު ފެންވަރަށް މުދަލާއި ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށް ނުދެވޭ ކަމަށެވެ.

ސުޕަމާކެޓަށް ވަންނަން ހުންނަ މައިދޮރުގެ އެތެރޭގެ ހަރުފަތްތަކުގައި އަޅައިގަނެ، އެތައް ކަސްޓަމަރުންނެއް ވެއްޓި، އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެގޮތަށް ލިބޭ އަނިޔާއަށް ބަދަލު ހޯދުމަށް ބައެއް ކަސްޓަމަރުން އެ ކުންފުންޏާ ގުޅައިގެން މަސައްކަތް ކޮށްފައި އެބަހުރި ކަމަށްވެސް ފެންޓަސީން ބުންޏެވެ.

އިމާރާތުގެ ތަނބުތަކާއި އެތެރޭގެ ޖާގަ ހުންނަ ގޮތުން ހިދުމަތް އަވަސް ކުރުމަށް ކައުންޓަރު އިތުރު ކުރެވޭނެ ނުވަތަ އެތެރޭގެ ތަރުތީބު ބަދަލުކޮށްލެވޭނެ ވަރުގެ ޖާގައެއްވެސް ނެތް ކަމަށް ފެންޓަސީން ބުންޏެވެ.