ގއ. ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކުރިކަމުގެ ތުހުމަތު ކުރި، އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފަށް ދައުވާ ކުރަން ނުފޮނުވަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން އެގޮތަށް ނިންމީ އޭނާގެ މައްޗަށް ތުހުމަތު ކުރި މައްސަލައިގައި ދައުވާ ކުރެވޭވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރީ، އޭނާގެ މައްޗަށް ސަރުކާރުގެ ސިއްރު ބޭޒާރު ކުރުމުގެ ކުށުގެ ތުހުމަތުގައެވެ. ފުލުހުން ބުނީ އެ މައްސަލައިގައި އާސިފްގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި މުހައްމަދު އާސިފްގެ ގާނޫނީ ވަކީލު، އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދާންދޫ ދާއިރާގެ ބާރުގަދަ ސިޔާސީ ފަރާތެއްގެ ނުފޫޒު ފޯރުވުމާ އެކު ދާންދޫ ރައީސްގެ މައްޗަށް ކުރެވުނީ އަސާސެއް ނެތް ތުހުމަތެއް ކަމުގައި އޭރުވެސް ވިދާޅުވިކަމަށެވެ.

"ރައްޔިތުން އިންތިހާބު ކުރައްވާފައި ތިއްބަވާ ފަރާތްތަކާ ދޭތެރޭ މިގޮތަށް ކަންކަން ކުރުން ބަލައިގަންނަން ދަތި،" ކަމަށްވެސް މުހުތާޒް ވިދާޅުވިއެވެ.