މިއަހަރުގެ ރޯދަ މަހު ބާޒާރަށް މިފްކޯގެ އާ އުފެއްދުމެއް ތައާރަފުކުރާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، މިފްކޯގެ ލައިފްސްޓައިލް ނުވަތަ ރޭޑީ ޓު އީޓް އުފެއްދުންތައް މިހާރު ވެސް ބާޒާރުން ލިބެން އެބަހުރި ކަމަށެވެ. މިހާރު މަސައްކަތް ކުރަނީ އެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރަން ޕްރޮޑަކްޝަން ރޭޓު އިތުރުކުރަން ކަމަށެވެ. ފައުޒީ ވިދާޅުވީ ރެޑީ ޓު އީޓު އުފެއްދުންތައް ތައްޔާރުކުރާ ފެސިލިޓީތައް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މިއަހަރުގެ ރޯދަ މަހު މިފްކޯގެ އާ އުފެއްދުމެއްވެސް ބާޒަރެއް ތައާރަފުކުރާނެ ކަމަށެވެ.

އަލަށް ނެރެން މަސައްކަތް ކުރަމުން އަންނަ އެ އުފެއްދުމާ ބެހޭ އިތުރު މައުލޫމާތެއް ފައުޒީ ނުދެއްވައެވެ.

މިފްކޯއިން މިހާރު އަންނަނީ ރެޑީ ޓު އީޓު 8 އުފެއްދުމެއް ވިއްކަމުންނެވެ. އެ ހުރިހާ އުފެއްދުމެއް ވެސް މިފްކޯގެ މަސް ފިހާރަތަކުން ލިބެން ހުންނާނެއެވެ.

ޔޫރަޕަށާއި އޭޝިއާގެ ގައުމުތަކަށް މިފްކޯގެ އުފެއްދުންތަކުގެ ސާމްޕަލް ފޮނުވާފައިވާކަން ފާހަގަ ކުރައްވައި ފައުޒީ ވިދާޅުވީ، އެ ގައުމުތަކުގައި މިފްކޯގެ އުފެއްދުންތަކަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ. އަދި މިފްކޯގެ އުފެއްދުންތަކަކީ ޔޫރަޕުން ގަބޫލުކުރާ އުފެއްދުންތަކެއްވުމުން ކޮލިޓީ ކޮމްޕްރޮމައިޒް ނުކުރާކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން ފައުޒީ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޔޫރަޕުން ރާއްޖޭގެ މަހަށް ނަގާ ޑިއުޓީ ކުޑަކުރަން ކަމަށާއި، އެކަން ކާމިޔާބު ވެއްޖެނަމަ މަސްވެރިންނަށް ރަނގަޅު އަގެއް ދެވޭނެ ކަމަށެވެ. ފައުޒީ ވިދާޅުވީ މީގެ ކުރިން މަސްވެރީން ފައިސާ ނުލިބިގެން އެތަކެއް ދުވަހު މަޑުކުރަން ޖެހުނަސް، ސަރުކާރުން ތައާރަފު ކޮށްފައިވާ މަސްވެރިޔާ ކާޑުގެ ސަބަބުން މިހާރު މަސްވެރިން ބާނާ މަހަށް އަގު ދެވޭ ކަމަށެވެ.

މަސްވެރިން ބާނާ މަހަށް މިފްކޯއިން އަހަރެއްގެ މައްޗަށް މަދުވެގެން 503 މިލިއަން ރުފިޔާ ދޭކަން ފާހަގަކުރައްވައި ފައުޒީ ވިދާޅުވީ ކޮންމެ އާދިއްތަ ދުވަހަކީ މަސް ވެރިން ބާނާ މަހަށް ފައިސާ ދޭ ދުވަސް ކަމަށެވެ. އަދި ވިދާޅުވީ މަސް ކިރުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ތައްޔާރުކުރާ އެޕްލިކޭޝަން މިއަހަރު މެދު ތެރޭގައި ލޯންޗު ކުރެވޭނެ ކަމަށެވެ.

އެ އެޕްލިކޭޝަނުން އެ ދުވަހެއްގެ މަސް ގަންނަ އަގާއި، ކްރެޑިޓު ބިލުތަކުގެ އިތުރުން މިފްކޯއިން މަސްވެރިންނަށް ދޭ ހުރިހާ ހިދުމަތެއްގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް މިފްކޯއާ މުއާމަލާތް ކުރެވޭނެ ކަމަށް ވެސް ފައުޒީ ވަނީ ވިދާޅުވެފައެވެ.