ތުއްތުކުދީން އަތަށް ފޯނު ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަން މި އާއިލާއަށް ދަސްވީ ހިތިގޮތަކަށެވެ.

އެމެރިކާގެ ނިއު ޖާޒީގައި ދިރިއުޅެމުން އަންނަ ކުމާރު އާއިލާގެ އެންމެ ތުއްތު މެންބަރު އަޔާންޝް ކުމާރަށް ވަނީ އޭނާގެ މަންމަގެ ފޯނާ ކުޅެނިކޮށް 2000 ޑޮލަރުގެ އަގުހުރި ފަރުނީޗަރު އޮންލައިންކޮށް އޯޑަރުކުރެވިފައެވެ.

މިކަން ހިނގަން މެދުވެރިވީ މި އާއިލާ އާ ގެޔަކަށް ވަރަށް ފަހުން ބަދަލުވުމާއެކު އޮންލައިންކޮށް ފަރުނީޗަރު ގަތުމަށް ވޯލްމާޓް ވެބްސައިޓުން އަޔާންޝްގެ މަންމަ މަދޫ ކުމާރު ބެލި ފަރުނީޗަރު ކާޓް އަށް އެއްކޮށްފައިވަނިކޮށެވެ. މަދޫ ބުނެފައިވަނީ އެ ފަރުނީޗަރުތައް ކާޓަށް އެއްކުރިނަމަވެސް އެ ތަކެތި ގަނެފައި ނުވާ ކަމަށެވެ.

ނަމަވެސް ފަރުނީޗަރުތައް އެ ގޭގެ ދޮރުމައްޗަށް އަންނަމުން ދިއުމާ ގުޅިގެން މަދޫ ހުރީ ނޭނގުމެއްގެ ތެރޭގައެވެ. ފިރިމީހާ އަދި ދެ ދަރީން ގާތު އަހައިގެންވެސް ފަރުނީޗަރަށް އޯޑަރު ކުރި މީހަކު ނޭނގުނުކަމުގައި މަދޫ ބުނެއެވެ. ފަހުން އެނގުނުގޮތުގައި މި ފަރުނީޗަރަށް އޯޑަރު ޖެހިފައިވަނީ ދެ އަހަރަށްދާ ތުއްތު ދަރިފުޅު އަޔާންޝްގެ އަތުން މަދޫގެ ފޯނާ ކުޅެނިކޮށެވެ. އަޔާންޝްގެ ބައްޕަ ޕްރަމޯދު ކުމާރު ބުނިގޮތުގައި އޭނާ ގަބޫލުކުރަން ބޭނުން ނުވިނަމަވެސް މިފަހަރު ވަނީ މިގޮތަށް ކަންތައް ދިމާވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ދަރިފުޅަށް ފޯން އަންލޮކް ނުކުރެވޭ ގޮތަށް ވަރުގަދަ ޕާސްކޯޑާއި ފޭސް ރިކޮގްނިޝަން ލާނެ ކަމަށް އެންބީސީ ނިއުޔޯކަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވެއެވެ.

މިދެމަފިރިން މިހާރު ތިބީ ހުރިހާ ޕެކޭޖެއް އެ ގޭގެ ދޮރުމައްޗަށް އައިސް ނިމެންދެނެވެ. ހުރިހާ ތަކެއްޗެއް ހަމަވުމުން އެ ސަރަހައްދުގައި ހުންނަ ވޯލްމާޓަށް ރައްދުކުރުމުން ފައިސާ ރިފަންޑުކޮށްދޭން އެއްބަސްވެފައިވާ ކަމަށް ކުމާރުގެ އާއިލާއިން ވަނީ ބުނެފައެވެ.