Close
އިސްލާމީ ތާރީޚު

މިޒަމާނުގެ ޖުމްހޫރިއްޔަތުގެ އަސާސަކީ އިސްލާމްދީނުގެ ޝޫރާއީ ނިޒާމެވެ.

އަބްދުﷲ ފާރޫގް ހަސަން

ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ

ތަރުޖަމާ: ޢަބްދު اللّـه ފާރޫޤު ޙަސަން

އިސްލާމީ ސިޔާސީ ނިޒާމުގެ މައްޗަށް ވިސްނުން ހިންގައިލާއިރު ޝޫރާއީ ނިޒާމުގެ އަހަންމިއްޔަތު ވަރަށްބޮޑެވެ. އެހެނީ މުސްލިމުންގެ އިޖުތިމާޢީ މުޢާމަލާތްތައް ޙައްލުކުރާންޖެހެނީ މަޝްވަރާގެ ޒަރީޢާއިންނެވެ. ޝޫރާގައި ކުރެވޭ މަޝްވަރާ އެ ތަމްސީލުކޮށްދެނީ އުންމަތުގެ ޢާއްމު ރައުޔެވެ. މުސްލިމުންގެ ގޮތަކީ މަޝްވަރާގެ ޒަރީޢާއިން ހުރިހައި މައްސަލަތަކެއްގެ ޙައްލު ހޯދަމުން ގެންދިޔުމެވެ. މަޝްވަރާއަކީ މުސްލިމުންގެ އިޖުތިމާޢީ ކަންކަން ޙައްލުކުރުމުގެ މައި ތަޅުދަނޑިއެވެ. އެހެންކަމުން އަރަހުށި މާތް اللّـه آل عـمــران ســورة ގެ 159 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ.

"އަދި ކަންތައްތަކުގައި ކަލޭގެފާނު އެއުރެންނާ މަޝްވަރާ ކުރައްވާށެވެ!"

އަރަހުށި މާތް اللّـه މިމާތް އާޔަތުގައި އެކަލާނގެ ނަބިއްޔާއާ މުޚާޠަބުކުރައްވައިފައިވަނީ އަމުރުގެ ޞީޣާއިންނެވެ. އަމުރުގެ ޞީޣާއިން ވަޙީކުރެއްވުމުން ހެކިލިބެނީ މަޝްވަރާ ކުރެއްވުމަކީ އިތުރު ސާހިބާގެ މައްޗަށްވެސް ލާޒިމުކަމެއް ކަމެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުންގެ ކަންކަމުގައި މަޝްވަރާ ކުރުމަކީ ވާޖިބު ކަމެކެވެ.

އަރަހުށި މާތް اللّـه މުސްލިމުންގެ އިޖުތިމާޢީ ކަންކަމުގައި މުޢާމަލާ ކުރާންވީގޮތުގެ ދުސްތޫރެއްގެގޮތުން އަންގަވައިފައިވަނީ މުސްލިމުންގެ ކަންތައް އެބައިމީހުންގެ މެދުގައި މަޝްވަރާކޮށްގެން ނިންމަމުން ގެންދިޔުމަށެވެ. ވަޙީކުރައްވައިފައިވަނީ އަންނަނިވި ފަދައިންނެވެ.

"އަދި އެއުރެންގެ ކަންތައްތައް އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތީންނެވެ." (الشّـورى: 38)

މާނައަކީ، އިސްލާމީ ދައުލަތަކުން އެދައުލަތުގެ ދުނިޔަވީ ކާރުބާރު ހިންގުމުގައި ރައްޔިތުންނާ މަޝްވަރާކުރުމަކީ ލާޒިމީ އަމުރެކެވެ. ހިޖުރީ ހަވަނަ ސައްތައިގެ އިތުބާރުހުރި ދީނީ ޢިލްމުވެރިޔެއްކަމުގައިވާ إبــن عطـيّــة رحـمــه اللّـه ވިދާޅުވެފައިވެއެވެ.

"މަޝްވަރާކުރުމަކީ ޝަރީޢަތުގެ އަމުރުތަކުގެ ތެރެއިން އަސާސީ އަމުރެކެވެ. ކަންކަން ނިންމައި ގޮތްކަނޑައެޅުމުގައި ބިންގަލަކަށް ބަލާންޖެހޭ ޙުކުމެވެ." (އަލްބަޙުރުލްމުޙީޠު، ޖިލްނު 3، ޞަފްޙާ 105)

ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް ވަޙީ ބާވައިލައްވަމުން ގެންދެވުމާއެކުވެސް އެމާތް ސާހިބާގެ ޞަޙާބީންނާ މަޝްވަރާކުރައްވާން އަމުރުކުރައްވައިފައިވަނީ ޤައުމުގެ ޒަމީރާއި ރައުޔަށް އެކަމުގެ ސަބަބުން ހަމަޖެހުން ލިބޭނެތީއެވެ. މަޝްވަރާ ކުރުމަކީ އުންމަތަށްޓަކައި ސުންނަތެއް ކަމުގައްޔާއި ޤާނޫނެއްކަމުގައި ވުމަށްޓަކައެވެ. (ރޫޙުލްމަޢާނީ، ޖިލްދު، 3 ޞަފްޙާ: 106)

أبــوهـــريـــرة رضى اللّـه عـنــه ގެ އަންނަނިވި ބަސްފުޅުން އިސްލާމީ ވެރިކަމުގެ ނިޒާމުގައި މަޝްވަރާކުރުމުގެ މުހިންމުކަން ސާބިތުވެއެވެ.

"رسـول اللّـه صلّــى اللّـه عليـه وسلّـم އަށްވުރެ ގިނައިން އެމީހެއްގެ ބައިވެރީންނާއި އެކުވެރީންނާ މަޝްވަރާކުރި އެއްވެސްމީހަކު އަހަރެން ނުދެކެމެވެ." (ފަތުޙުލްބާރީ، ޖިލްދު: 13، ޞަފްޙާ 340)

ضحّــاك رحـمــه اللّـه ވިދާޅުވެފައިވެއެވެ. "عــمــر رضى اللّـه عـنــه ވަނީ އަންހެނުންނަށް ޚިޔާލުފާޅުކުރުމުގެ ޙައްޤު ދެއްވައިފައެވެ. އެކަލޭގެފާނު ތަފާތު އެކިއެކި މުޢާމަލާތުތަކުގައި އަންހެނުންގެ ޚިޔާލު ހޯއްދެވިއެވެ."

ضحّــاك ގެ މިބަސްފުޅު ސާބިތުވާގޮތުގައި އިސްލާމީ ނިޒާމުގެ ވެރިކަމެއްގައި އަންހެނުންނަށް މަޖްލިސުއްޝޫރާގެ (ރައްޔިތުންގެ މަޖްލިސްގެ) މެމްބަރުކަން ކުރެވިދާނެއެވެ. ދައުލަތާއި ރައްޔިތުންނާބެހޭ ކަންކަމުގައި އެކަނބަލުންގެ ޚިޔާލު ހޯދާންޖެހޭނެއެވެ. މިޒަމާނުގެ މުފައްރިކުންގެ ތެރެއިން އަންހެނުންނަށް ރައްޔިތުންގެ މަޖްލިސްގެ މެމްބަރުން ކަމުގައިވުމުގެ ޙައްޤު ދެއްވާން ވަކާލާތުކުރައްވާން ފައްޓަވައިފައިވަނީ ޖޯން ސްޓާޓްމިލެވެ. އެކަމަކު އޭނާއަށްވުރެ އެއްހާސް އަހަރު ކުރީން عــمــر ގެފާނު ވަނީ އަންހެނުންނަށް އެޙައްޤު ދެއްވައިފައެވެ.

އިސްލާމީ ނިޒާމުގެ ވެރިކަމެއްގައި އިޖުތިމާޢީ ކަންތައްތައް ނިންމޭނީ މަޝްވަރާއިންނެވެ. ލަގަނެއްނެތި އެމީހަކު ހިތުހުރިގޮތަކަށެއް ނޫނެވެ. އެކަކަށްވެސް ތިމާގެ ބާރާއި ނުފޫޒުގައި ކަންކަން ކުރަމުން ގެންދިޔުމުގެ އިޚުތިޔާރެއް ނޯންނާނެއެވެ. ޤައުމުގެ އެންމެމަތީ ވެރިޔާކަމުގައި ވިޔަސްވެހެވެ. ހަމައެފަދައިން ފަރުދީ ރައުޔަކަށްވެސް ޢަމަލެއް ނުކުރެވޭނެއެވެ. (ބަޖެޓުގައި ހިމެނުމެއްނެތި ރައްޔިތުންގެ މާލިއްޔަތުން މިލިޔަނުން މިލިޔަނުން ޚަރަދެއް ނުކުރެވޭނެއެވެ.)

عــلاّمــــة شــوكــانــى ލިޔުއްވައިފައިވެއެވެ. "މުސްލިމުން އިޖުތިމާޢީ ކަންކަން ނިންމާންވާނީ މަޝްވަރާ ކޮށްގެންނެވެ. އަވަސްއަރައިގަނެގެން އެމީހަކު އެމީހަކަށް ފެނުނުގޮތަކަށް ފަރުދީ ރައުޔަށް ޢަމަލުކުރަމުން ގެންދިޔުމަކީ މުސްލިމުންގެ އާދަކާދައިގައިވެސް އޮތްކަމެއް ނޫނެވެ." (ފަތުޙުލްޤަދީރު، ލިއްޝައުކާނީ، ޖިލްދު: 4، ޞަފްޙާ 707)

މީގެއިތުރަށްވެސް ވަރަށްގިނަ ޢިލްމުވެރީން ވިދާޅުވާގޮތުގައި މަޝްވަރާކުރެއްވުމަކީ ވެރީންގެ މައްޗަށް ލާޒިމުކަމެކެވެ. އަދި ފަންނީ މާހިރުންގެ ލަފާ ހޯއްދަވާންވެސް ޖެހިވަޑައިގަންނަވާނެއެވެ. ވެރީންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވަމުން ގެންދެވުމަކީ ޢިލްމުވެރީންގެ ވާޖިބެކެވެ. އިސްލާމްދީނުގައި ސިޔާސަތު ރޭވުމާއި ވެރިކަން ހިންގުމުގެ ނިޒާމު އޮތީ ކޮންގޮތަކަށްކަން ވެރީންނަށް ހަނދާންކޮށްދެއްވަމުން ގެންދަވާން ޖެހިވަޑައިގަންނަވާނެއެވެ. އޭރަކު ވެރިކަމުގައިހުންނެވި ބޭފުޅަކު ހިތްފުޅަށްއެރިގޮތަކަށް ކަންކަން ނިންމަވަމުން ގެންދެވުމަކީ ވެރިކަންކުރުމުގެ އިސްލާމީ ގޮތެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ކިސްރާއާއި ޤައިޞަރު ވެރިކަން ކުރެއްވިގޮތެވެ.

عـلــى رضى اللّـه عـنــه ވިދާޅުވެފައިވެއެވެ. "ހިދާޔަތާ އެއްގޮތް އުސޫލަކީ މަޝްވަރާ ހޯދަމުން ގެންދިޔުމެވެ. ތިމާގެ އަމިއްލަ ރައުޔުގެ މައްޗަށް އެކަނި އިއުތިމާދުކުރާމީހާ އެ އިޚްތިޔާރުކުރަނީ ނުރައްކާތެރި މަގެކެވެ. عـلــى ގެފާނު އެކަލޭގެފާނުގެ ދަރިކަލުން حســن ގެފާނަށް ވިދާޅުވެފައިވެއެވެ. "މާތް اللّـه އަށްޓަކައި ވިދާޅުވަމެވެ. މަޝްވަރާކުރާ ކޮންމެ ޤައުމަކީ އެންމެރަނގަޅު މަގަށް މަގުދައްކަވައިފައިވާ ޤައުމެކެވެ." (މައުސޫޢާ ނަޡުރަތުއްނަޢީމް، ޞަފްޙާ: 2038)

إمــام شـافـعــى رحـمــه اللّـه ވިދާޅުވެފައިވެއެވެ. "މަޝްވަރާކުރާން ޙާކިމަށް އަމުރުކުރައްވައިފައިވަނީ އެޅިދާނެ ކުށްފިޔަވަޅަކާމެދު އޭނާއަށް އިންޒާރު ކުރެއްވުމަށެވެ. ވެރިމީހާގެ ވިސްނުމަށް ނުގެނެވޭ ކަންކަމާމެދު އޭނާއަށް ރަނގަޅުގޮތް އޮޅުންފިލުމަށްޓަކައެވެ."

މަޝްހޫރު ދީނީ ޢިލްމުވެރިޔާ عــلاّمــــة أبــو حـيّــان الأنـدلسـى ލިޔުއްވައިފައިވެއެވެ.

"މުސްލިމުންގެ މައްސަލަތަކުގައި މުސްލިމުންގެ މެދުގައި މަޝްވަރާކުރުން ދީނުގައި ޝަރުޢުވެފައިވަނީ އެކަންކަމުގެ ބަޔާން ޤުރްއާނާއި ސުންނަތުގައި އައިސްފައިނުވާ ކަންކަމާމެދު އިސްލާމީ ފިކުރިއްޔާތު ހާމަވެގެން އައުމަށްޓަކައެވެ." (އަލްބަޙްރުލްމުޙީޠު، ޖިލްދު، 3 ޞަފްޙާ: 104)

ވެރިކަން ހިންގުމުގެ އިސްލާމީ ނިޒާމަކީ ވެރިކަން ހިންގާ ފަރާތާއި މަޝްވަރާގެ ނިޒާމާ އެކުވެ އެކަތިގަޑަކަށްވުމެވެ.

ކުރީންވެސް ދަންނަވައިފައިވާ ފަދައިން މުސްލިމުންގެ އަމީރަކު ނުވަތަ ޚަލީފާއަކު ހުންނެވުމަކީ އިސްލާމީ ޤާނޫނުގައި ލާޒިމު ކަމެކެވެ. އެބޭފުޅަކު ވެވަޑައިގަންނަވަންޖެހޭނީ ޤުރްއާނާއި ސުންނަތް ދެނެވަޑައިގަންނަވާ ބޭފުޅަކު ކަމުގައެވެ. ހަމައެއާއެކު އެބޭފުޅެއްގެ މަޝްވަރާ މަޖިލީހެއް އޮތުމަކީވެސް ލާޒިމު ކަމެކެވެ. ޙަޤީޤަތުގައި މުސްލިމުންގެ އަމީރަކީ ޝޫރާގެ މަންދޫބެކެވެ. ޙިކުމަތު ޢަމަލީގެ ދާއިރާގައި އޭނާއަކީ މަޖްލިސުއްޝޫރާގެ ނިންމުންތަކުގެ ތަރުޖަމާނެކެވެ. މި ހައިސިއްޔަތުން ބަލާއިރު އަމީރަކީ އެހެންވެސް އިންސާނުން ފަދައިން ޢާންމު އިންސާނެކެވެ. އެހެންވެސް ރައްޔިތުންފަދަ ރައްޔިތެކެވެ. އަމީރުގެ މަސައްކަތްޕުޅަކީ މަޖްލިސުއްޝޫރާގެ ނިންމުންތައް ތަންފީޒު ކުރެއްވުމެވެ. އުންމަތުގެ ޢާންމު ރައުޔަކީވެސް އަމީރެއްގެ އަމީރުކަން ސާބިތުކޮށްދޭ މިންގަނޑެކެވެ. މި އުސޫލު އަންގައިދެނީ އިސްލާމީ ނިޒާމުގައި ވެރިމީހާގެ ގޮތްނިންމުމުގެ ބާރުގެ މައްޗަށް އިސްވެގެންވަނީ ޝޫރާގެ ނިންމުންކަމެވެ. މުސްލިމުންގެ މަޝްވަރާއާ ނުލައި ގޮށްމުށު ބާރުގައި ނުވަތަ ހަތިޔާރުގެ ބޭނުންކޮށްގެން ވެރިކަމަށް އިސްވާ މީހުންނަކީ އެބައެއްގެ ވެރިކަމުގެ އެއްވެސް އިތުބާރެއް ނުވަތަ ޞައްޙަކަމެއް އޮތްބައެއް ނޫނެވެ.

أميـــرالمـؤمـنــيـن عـمــربــن الخطّــاب رضى اللّـه عنــه ވަނީ މި މައްސަލައިގައި އުސޫލީ ބަސްފުޅެއް ވިދާޅުވެފައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. "މުސްލިމުންގެ މަޝްވަރާއާ ނުލައި މީހަކު އަމީރަކު ކަމުގައި ހަދައިފިނަމަ އެކަންވާނީ ބާޠިލު ކަމެއްކަމުގައެވެ." (ސީރަތު އިބްނު ހުޝާމާ ޖިލްދު 2، ޞަފްޙާ: 658) މުސްލިމުންގެ މަޝްވަރާއަކީ ހުސްއެކަނި ވެރިމީހާގެ ޤަބީލާގެ މީހުންގެ (ނުވަތަ ޕާޓީގެ މީހުންގެ) މަޝްވަރާއެއް ނޫނެވެ. ހަމައެކަނި އެމީހެއްގެ ޚާންދާނުގެ މީހުންގެ މަޝްވަރާއެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ؟ މަޝްވަރާގެ މާނައަކީ މުސްލިމުންގެ މައްސަލަތަކުގައި މޮހުމާއި ގޮށްޖެހުމުގެ ބާރުލިބިފައިވާ ކަމުވޮށީންގެ މަޝްވަރާއެވެ. އެމީހުން ވާންޖެހެނީ އުންމަތުގެ ތަފާތު ފަންތިތަކާއި ގިންތިތައް ތަމްސީލުކުރާ މަންދޫބުން ކަމުގައެވެ. ކަމުގެ ދާއިރާގެ އެކޮޅުމިކޮޅު ދަންނަ މީހުން ކަމުގައެވެ. ރަނގަޅަށް ރޯފިލައިފައިތިބި ބަޔަކު ކަމުގައެވެ. (ޕާޓީގެ ކޮންމެ އެކްޓިވިސްޓަކީ ޤައުމުގެ ކަންކަމުގައި މަޝްވަރާ ދެވޭނެ މީހެއް ނޫނެވެ.) މި މައްސަލައިގެ މުހިންމު ކަންބޮޑުކަމުން إبــن عطـيّــة رحـمــه اللّـه ސާފުކޮށް ޞަރީޙަކޮށް ލިޔުއްވައިފައިވެއެވެ.

"އަމީރަކު ފަންނީ މާހިރުންނާއި ޢިލްމުވެރީންނާއި ދީންވެރި މީހުނާ މަޝްވަރާ ކުރެއްވުމަކާނުލައި އޭނާގެ ރައުޔަށް ކަންކުރައްވަމުން ގެންދަވާކަމުގައިވާނަމަ އެމީހަކު އަމީރުގެ މަގާމުން ޢަޒުލުކުރާން ޖެހޭނެއެވެ. މިކަމާމެދު މުސްލިމުންގެ މެދުގައި ކުޑަވެސް ޚިލާފެއް ނުވެއެވެ." (އަލްބަޙުރުލްމުޙީތު، ޖިލްދު، 3، ޞަފްޙާ: 105)

أميـــرالمـؤمـنــيـن عـمــر رضى اللّـه عنــه ވިދާޅުވެފައިވެއެވެ. "މުސްލިމުންގެ ހަމަކޮންމެކަމެއްވެސް ނިންމަމުން ގެންދާންވާނީ ޝޫރާގެ އަހުލުވެރީންގެ މަޝްވަރާގެ މަތީންނެވެ. ޢާންމު މުސްލިމުން ތަބާވާންޖެހޭނީ އެބައިމީހުންގެ އަމީރަށެވެ. ނަމަވެސް ޝޫރާގެ މެމްބަރުން އިއްތިފާޤުވެވަޑައިގެންފި ގޮތަކަށް ނުވަތަ އަޣުލަބިއްޔަތު ލިބުނުގޮތަކަށް ކަންކުރައްވާން އަމީރަށް ޖެހިވަޑައިގަންނަވާނެއެވެ. އެގޮތުން އަމީރު ވާނީ ޝޫރާއަށް ތަބާވެވަޑައިގަންނަވާ ބޭފުޅަކު ކަމުގައެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

(ނުނިމޭ)