މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ 41 އަހަރުގެ ދިގު ތާރީހުގައި މިހާތަނަށް އަހަރެއްގެ މައްޗަށް ހޯދި އެންމެ ގިނަ އާމްދަނީގެ ރެކޯޑާއެކު ފާއިތުވި އަހަރުގެ ހަތަރުވަނަ ކުއާޓާގެ އާމްދަނީގެ ތަފުސީލު އާއްމުކޮށްފިއެވެ.
އެމްޓީސީސީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 1.96 ބިިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 264.45 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ އިރު އޭގެ ކުރީ އަހަރުގެ އެމުއްދަތުގައި 1.36 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ފައިދާގެ ގޮތުގައި ލިބިފައިވަނީ 220.75 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި 625.70 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން ސާފު ފައިދާގެ ގޮތުގައި 52.27 މިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ކުރީ އަހަރުގެ އެމުއްދަތުގައި 408.76 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 80.94 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނީ ހަތަރުވަނަ ކުއާޓަރުގެ އާމްދަނީ ދައްކަމުގައި ވިޔަސް 2021 ވަނައަހަރުގެ ޖުމުލަ ނަތީޖާއަކީ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީހުގައި މާލީ އަހަރެއްގައި ރެކޯޑްކުރެވިފައިވާ އެންމެ ރަނގަޅު ނަތީޖާ ހާސިލު ކުރެވުނު އަހަރުކަން ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމަށެވެ.
އެމްޓީސީސީން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން 103 މަޝްރޫއެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީން ބުނެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރު ތެރޭގައި 10 މަޝްރޫއެއްގެ މަސައްކަތްވަނީ ނިންމާލައިފައި ކަމަށާއި އަށް ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއާޓަރުގައި ފަށާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އިތުރު 18 މަޝްރޫއެއްގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް
ކުންފުނިން އެކުލަވައިލައި، ހާލަތު ބަދަދަލުވަމުން އަންނަ މިންވަރަށް ރިއާޔަތްކޮށް މުރާޖައާކުރަމުން އަންނަ ކަމަށެވެ. ވިޔަފާރިތަކަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް، ވިޔަފާރި ކުރިއަރުވައި، ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށް ހިކުމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި އޭގެ ނަތީޖާ ހާސިލުކުރެވިފައިވާކަމުގެ އުފާވެރި ހަބަރު ކުންފުނީގެ ހިއްސާދާރުންނަށް ދޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ