މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މުއިއްޒަށް މަރުގެ އިންޒާރު ދީފައިވަނީ މުއިއްޒުގެ އަމިއްލަ ފޭސްބުކް ޕޭޖަށް ފޮނުވި މެސެޖެއްގައެވެ.

މިލްހާނާ އިބްރާހިންގެ ނަމުގައި އިއްޔެ މެންދުރުފަހު 2:52 ގައި ފޮނުވި މެސެޖުގައި މުއިއްޒުއަށް އަމާޒުކޮށް ވަނީ "ކަލޭ މަރާލާނަން" މިހެން ލިޔެފައެވެ.

އޮފިޝަލް ވިދާޅުވީ މޭޔަރު މުއިއްޒަށް މަރުގެ އިންޒާރުދިން މައްސަލަ ސިޓީ ކައުންސިލްގެ ފަރާތުންނާއި މުއިއްޒުގެ ފަރާތުންވެސް ފުލުހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

"މިއީ ހަގީގަތުގައި އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް. އަޅުގަނޑުމެން އެދެން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް،" އޮފިޝަލް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ މޭޔަރު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނަށް ސިޓީ ކައުންސިލާއި މޭޔަރު މުއިއްޒުގެ ފަރާތުން މިއަދު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މަރުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން މޭޔަރު މުއިއްޒުގެ ބަހެއް ހޯދުމަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ މޭޔަރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެއެވެ.