ކްރިކެޓް

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާލޭ ވެޓެރަންސްއިން ހޯދައިފި

ރާއްޖޭގެ ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާލޭ ވެޓެރަންސް އިން ހޯދައިފިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާލޭ ވެޓެރަންސްއިން ހޯދީ އެކުވެނީ ކްރިކެޓް ދަނޑުގައި އިއްޔެ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އަށް ވިކެޓުން މާލޭ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ފަހު ވަގުތުކޮޅު ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، އުކުމަށްފަހު ބެޓިންއަށް އަރައި މާލޭ ވެޓެރަންސްއިން މެޗު ކާމިޔާބުކުރީ މާލޭ ސްޕޯޓްސް ކްލަބަށް ބާކީ އެންމެ ނުވަ ބޯޅަ އޮއްވައެވެ.

ފައިނަލް މެޗުގެ ޓޮސް ދިމާވުމުން މާލޭ ވެޓެރަންސް އިން ގަސްތުކުރީ އުކުމަށެވެ. ވެޓެރަންސްއިން އުކުން ނެގުމުން، މާލޭ ސްޕޯޓްސް ކުލަބުން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދީ 128 ލަނޑެވެ. މާލޭ ސްޕޯޓްސް ކްލަބަށް އެންމެ ގިނަ ލަނޑު ހަދައިދިނީ ހާޒިގެވެ. އޭނާ ވަނީ ނުބައި ނުވެ 50 ލަނޑު ހަދައި، ހާފް ސެންޗަރީއެއް ފުރިހަމަކޮށްފައެވެ.

މާލޭ ވެޓެރަންސްއިން ބަދަލުގައި ކުޅެން އަރައި ފުރަތަމަ ކޮޅުގައި އުނދަގޫތަކާ ކުރިމަތިލި ނަމަވެސް، މާލޭ ސްޕޯޓްސް ކްލަބަށް ނެގުނީ އެންމެ ދެ ވިކެޓެވެ. މާލޭ ވެޓެރަންސްއިން ވަނީ ރަނގަޅު ބެޓިން ފޯމެއް ދައްކައި އަކްސަރު، ޗަންދަނާ އަދި ޕްރަދީޕްގެ ލަނޑުތަކުން މެޗު ކާމިޔާބުކޮށްފައެވެ. އަކްސަރު 53 ލަނޑު ހެދި އިރު، ޗަންދަނާ ވަނީ 27 ލަނޑު ހަދައިފައެވެ. ޕްރަދީޕްވެސް ވަނީ ނުބައި ނުވެ 26 ލަނޑު ހަދައިފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށާއި ރަނަރަޕް އަދި ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ނެސްލޭ މައިލޯގެ ފަރާތުން ދިޝާން ވިޖަޔަވަރްދެނަ އެވެ. އިއްޔެގެ އިވެންޓުގައި ރާއްޖޭގެ ކްރިކެޓަށް ދިޝާން ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކޮށްފައިވެއެވެ. ދިޝާން ރާއްޖެ ދޫކޮށްދާން ގަސްދުކޮށްފައިވާ އިރު، މައިލޯއާއެކު އޭނާ ވަނީ ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.