ފުޓްބޯޅަ

އިޓަލީ ސްކޮޑަށް އަނެއްކާވެސް ބަލޮޓެލީ ނަގަނީ: ރިޕޯޓު

އިޓަލީގެ ގައުމީ ޓީމުގެ ސްކޮޑަށް އަނެއްކާވެސް މާރިއޯ ބަލޮޓެލީ ނަގަން އުޅޭ ކަމަށް ނޫސްތަކުން ބުނެފިއެވެ.

ކުރިން އިޓަލީ ގައުމީ ޓީމަށް ކުޅެ، އެޓީމަށް މުހިއްމު ގޯލުތަކެއް ޖަހައިދީފައިވާ ބަލޮޓެލީ، ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ޓީމަށް ނަގާނެ ކަމަށް ސްކައި ސްޕޯޓްސްއިންވެސް ވަނީ ރިޕޯޓުކޮށްފައެވެ. ސްކައި ސްޕޯޓްސްއިން ބުނެފައިވާ ގޮތުގައި އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ، ބަލޮޓެލީއަށް ގައުމީ ސްކޮޑުން ފުރުސަތު ދޭން ވިސްނާފައި ވަނީ ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި އިޓަލީ ކުޅޭ މެޗުތަކަށެވެ.

އުމުރުން 31 އަހަރުގެ ބަލޮޓެލީ މިހާރު ތުރުކީ ލީގުގެ އަޑަނާ ޑެމިރްސްޕޯރަށް ކުޅެމުންދާ އިރު، އެންމެފަހުން ގައުމީ ޓީމަށް ކުޅުނީ 2018 ވަނަ އަހަރު ނޭޝަންސް ލީގުގައެވެ. ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންނަ ހަފުތާ އިއުލާން ކުރާ އިޓަލީ ސްކޮޑުގެ 35 ކުޅުންތެރިންގެ ތެރޭގައި ބަލޮޓެލީ ހިމެނޭނެއެވެ. އެ ސްކޮޑަކީ ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަށް ތައްޔާރުވުމަށް ވަރަށް ބޮޑަށް ޓެކްޓިކަލީ ބަލައިގެން މަންޗިނީ ނަގާނެ ސްކޮޑެއް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޔޫރޯ 2020 ކާމިޔާބުކުރި އިޓަލީއަށް ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ޔަގީންވެފައި ނުވާ އިރު، އެޓީމަށް މިއަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ދެވެން އޮތީ ކޮލިފިކޭޝަން ޕްލޭ އޮފް ކާމިޔާބުކޮށްގެންނެވެ. ކޮލިފިކޭޝަން ފުރަތަމަ މެޗުގައި މާޗު މަހު އިޓަލީން ނުކުންނަން އޮތީ ނޯތު މެސަޑޯނިއާއާ ދެކޮޅަށެވެ. އިޓަލީން ވޯލްޑް ކަޕަށް ދިއުމަށް ކޮލިފިކޭޝަން ބްރެކެޓްގައި ކުޅޭ މެޗުތައް ކާމިޔާބުކުރަން ޖެހޭ އިރު، ޕޯޗުގަލްވެސް ހިމެނެނީ އިޓަލީއާ އެއް ބްރެކެޓެއްގައެވެ.

އިޓަލީ ގައުމީ ޓީމަށް މީގެ ކުރިންވެސް މުހިއްމު ގޯލުތަކެއް ޖަހައިދިން ބަލޮޓެލީ ގައުމީ ޓީމަށް ނުނަގަން ފެށީ ފޯމު ދަށްވުމުންނެވެ. ގައުމީ ޓީމަށް ކުޅުނު އިރުވެސް ބަލޮޓެލީއަށް ނަސްލީ ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހުނު އިރު، ކެރިއަރު އެންމެ ބޮޑަށް އަޑިއަޅާލީވެސް އެކަހަލަ މައްސަލަތަކުގެ އިތުރުން އަހުލާގީ ބައެއް މައްސަލަތަކާ ހެދިއެވެ.

އިޓަލީގެ މޮންޒާ ދޫކޮށް މި ސީޒަނަށް ތުރުކީ ލީގަށް ގޮސް ބަލޮޓެލީ ވަނީ މިހާތަނަށް ކުޅުނު 21 މެޗުގައި ނުވަ ގޯލު ޖަހައިފައެވެ. ކުރިން ގައުމީ ޓީމަށް ބަލޮޓެލީ 36 މެޗު ކުޅެފައިވާ އިރު، އޭނާ ވަނީ 14 ގޯލު އިޓަލީ ޖާޒީގައި ޖަހައިފައެވެ.