ވޯކްސް ކޯޕަރޭޝަން ލިމިޓެޑުން 91 މިލިޔަން ރުފިޔާ ހޯދުމަށް ކޯސްޓަލް ވެންޗާސް ޕްރައިވެޓް ލިމިޓެޑުން ސިވިލްކޯޓުގައި ކުރި ދައުވާ ބެލެން ނެތްކަމަށް އެކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލެއް ނުކޮށްދިނެވެ.
މިއީ މައްސަލައަކީ ރ. ފައިނު ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި ކޯސްޓަލް ވެންޗާސް އާއި ވޯރކްސް ކޯޕަރޭޝަނާ ދެމެދު 19 ޖެނުއަަރީ 2011 ގައި ހެދި ޖޮއިންޓް ވެންޗާ އެއްބަސްވުމާ އެއްގޮތަށް ކޯސްޓަލް ވެންޗާސް އިން މަސައްކަތްކޮށް، އެއްބަސްވުމުގެ ދަށުން ވޯކްސް ކޯޕަރޭޝަނުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަމަށް ބުނެ، މަސައްކަތް އިތުރަށް ކުރިއަށް ނުގެންދެވި، މަސައްކަތް ހުއްޓުމަކަށް އައުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި އެ ހިނދަށް ކޮށްފައިވާ މަސައްކަތުގެ އަގު ހޯދުމަށް އެދި ވޯކްސް ކޯޕަރޭޝަންގެ މައްޗަށް ކޯސްޓަލް ވެންޗާސް އިން ސިވިލް ކޯޓުގައި ކުރި ދައުވާ އެކެވެ.
މި ދައުވާގައި ކޯސްޓަލް ވެންޗާސް އިން ސިވިލް ކޯޓުގައި އެދިފައިވަނީ 1.9 މިލިޔަން ރުފިޔާ (9،179،873.09) ނަގައިދިނުމަށެވެ.
މި މައްސަލަ ބެލުމަށްފަހު މި ކަމާބެހޭ ދެ ދައުވާއެއް އެ ކޯޓަށް ހުށަހެޅުނުކަން ފާހަގަކޮށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ކަން ހިނގައިދިޔަގޮތުން މިއީ މައުލޫގައި ބެލެން ނެތް މައްސަލައެއް ކަމަށެވެ.
ކޯސްޓަލް ވެންޗާސް އިން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު އެދިފައި ވަނީ، ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް، އެ މައްސަލައަކީ މައުލޫއީގޮތުން ބަލައި ފައިސަލާކުރަނިވި ހުކުމެއް ކުރަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް މި މައްސަލަ ބަލައި، ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ، އެ މައްސަލައިގައި ސިވިލްކޯޓުން ކުރި ހުކުމް ބާތިލު ކުރަން ޖެހޭފަދަ ސަބަބެއް ނެތް ކަމަށް، ހުކުމް ކުރާ ކަމަށެވެ.
ވޯކްސް ކޯޕަރޭޝަން ލިމިޓެޑަކީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
ގެއްލުންވާތީ ސަރުކާރުން އުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓްރީން ހާމަ ކުރި ނުވަ ކުންފުނީގެ ތެރޭގައި ވޯކްސް ކޯޕަރޭޝަން ހިމެނެއެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު