އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ގަދަ 16 ގައި ހޯސްޓް ކެމަރޫންއާ ދެކޮޅަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކޮމޮރޯސްގެ ޓީމަށް ކޮވިޑު 19 ގެ އުނދަގޫ ހާލަތަކާ ކުރިމަތިވެއްޖެއެވެ.
އަންނަ ހޯމަ ދުވަހު ކޮމޮރޯސްއިން ކެމަރޫންއާ ދެކޮޅަށް ނުކުންނަން އޮއްވައި ކޮމޮރޯސްގެ ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުންނާއެކު 12 ޕޮޒިޓިވް ކޭހެއް ވަނީ ފެނިފައެވެ. އޭގެ ތެރެއިން ހަތް ކޭހައަކީ ކުޅުންތެރިންގެ ކޭސްތަކެވެ. ކޯޗު އާމިރު އަބްދޫ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ކޮވިޑް 19ގެ ކޭސްތަކާއެކު ކޮމޮރޯސްއަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ސްކޮޑުގައި މިވަގުތު ފިޓްކޮށް ތިބި ދެ ގޯލްކީޕަރުންވެސް ޕޮޒިޓިވް ވުމެވެ. އަލަށް މުބާރާތުގައި ކުޅޭ ކޮމޮރޯސްއިން މުބާރާތަށް ގެންދިޔަ އެއްނަންބަރު ގޯލްކީޕަރު ސަލިމް ބެން ބޮއިނާ އަނިޔާގައި ހުރި އިރު، ބަދަލަކަށް ގެންދިޔަ މޮޔާދު އޮސެއިނީ އަދި އަލޯ އަހަމަދާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ޓީމަށް އެއްވެސް ގޯލްކީޕަރެއް ނެގެން ނެތް ނަމަވެސް، 11 ކުޅުންތެރީން ސްކޮޑަށް ނެގޭނަމަ މެޗު ކުޅެން ޖެހޭނެއެވެ. އެއީ އެފްކޮންއިން މުބާރާތު ކުރިން އާންމުކުރި އުސޫލުގައި ވާ ގޮތެވެ.
"ޓީމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރާނަން. ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްކޮށް. ކޯޗާއި ފިޓްކޮށް ތިބި ދެ ގޯލްކީޕަރުން ގެއްލުމަކީ ވަރަށް އުނދަގޫ ހާލަތެއް،" ކޮމޮރޯސްގެ މެނޭޖަރު އެލް ހެދާދު ހަމީދީ ބުނެފައިވެއެވެ.
ޓީމުގެ ސްކޮޑުގައި 11 ކުޅުންތެރިން ތިބި ނަމަ، އައުޓްފީލްޑް ކުޅުންތެރިޔަކު ގޯލްކީޕަރަށް އަރުވައިގެންވެސް މެޗު ކުޅެން ޖެހޭނެ ގޮތަށް އެފްކޮންއިން އުސޫލު ހަދާފައިވާ ނަމަވެސް، ހާލަތަށް ބަލައި، އެފަދަ މައްސަލަތަކަށް އޯގަނައިޒް ކުރާ ކޮމިޓީން މަޝްވަރާ ކުރާނެ ކަމަށް ކުރިންވެސް ވަނީ ބުނެފައެވެ. އެހެންކަމުން މިވަގުތު ކޮމޮރޯސްއިން އެކަމަށް މަސައްކަތް ކުރާނެ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ޖަޒީރާ ގައުމެއް ކަމަށްވާ ކޮމޮރޯސްއިން ގްރޫޕް ސްޓޭޖުން ސަލާމަތްވެ ގަދަ 16 އަށް ދިޔައީ ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި އޮތް ގާނާވެސް ކަޓުވާލުމަށް ފަހުއެވެ. ކޮމޮރޯސްއިން ގަދަ 16 އަށް ދިޔައީ އެންމެ ގަދަ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު