އޮސްޓްރޭލިއަން އޯޕަންގެ އެންމެފަހުގެ އަންހެން ޗެމްޕިއަން ނައޯމީ އޮސާކާ، މުބާރާތުން ކަޓައިފިއެވެ.

އުމުރުން 24 އަހަރުގެ އޮސާކާ މުބާރާތުން ކެޓީ އެމެރިކާގެ އަމާންޑާ އަނިސިމޯވާއާ ވާދަކޮށްގެންނެވެ. ތިންވަނަ ބުރުގައި އޮސާކާ ކުޅުނު މެޗުން އޭނާ ބަލިވީ 4-6، 6-3 އަދި 7-6 (10-5) އިން ސެޓުތައް ގެއްލިގެންނެވެ.

އިއްޔެގެ ބައްޔާއެކު އޮސާކާ ބުނެފައި ވަނީ މުބާރާތުން ކެޓި ނަމަވެސް މާޔޫސް ނުވާނެ ކަމަށާއި، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އޭނާއަށްވެސް ހުރިހާ މެޗެއް ކާމިޔާބު ނުކުރެވޭނެ ކަން ކަމަށެވެ. މިއަދުގެ މެޗުގެ ހުރިހާ ޕޮއިންޓަކަށް، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށް އޮސާކާ ބުނި އިރު، އޭނާ ބުނީ އަހަރުގެ ކުރިއަށް އޮތް މުބާރާތްތަކަށް ޕްރެޝަރު ނެތި ކުރިމަތިލާނެ ކަމަށެވެ.

މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ދިފާއުކުރަން 13 ވަނައަށް ސީޑުކޮށްފައިވާ އޮސާކާ ނުކުތީ މިދިޔަ އަހަރު އޭނާ ޓެނިހުން ނެގި ބްރޭކް ނިންމާލުމަށްފަހުއެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ޔޫއެސް އޯޕެން މުބާރާތަށްފަހު އޮސާކާ މުބާރާތްތަކުން ބްރޭކެއް ނެގީ އޭނާގެ ނަފުސާނީ މައްސަލަތަކަކުން އަރައިގަތުމަށެވެ. މިދިޔަ އަހަރަކީ އޮސާކާއަށް އުނދަގޫ އަހަރަކަށްވެފައިވާ އިރު، ޓެނިހުން ނެގި ބްރޭކާއެކު އޭނާ ވަނީ މީޑިއާއާވެސް ދުރަށް ޖެހިލައިފައެވެ.

އޮސާކާ ވަނީ ޓެނިސް ކެރިއަރުގައި އަވަހަށް ކުރިއަރައިގެން ގޮސް، ޖުމުލަ ހަތަރު ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައެވެ. އުމުރުން އެންމެ 20 އަހަރުގައި، 2018 ވަނަ އަހަރު އޮސާކާ އޭނާގެ ފުރަތަމަ ގްރޭންޑް ސްލޭމް ކާމިޔާބުކުރި އިރު، އޭގެ ފަހުން އޭނާއަށް ވަނީ ނަފްސާނީ މައްސަލަތަކެއް ދިމާވެފައެވެ.