ޚަބަރު

ފެމިލީ ކޯޓުގެ ކައިވެނި ރަޖިސްޓްރާގެ މަގާމަށް މީހަކު ނުނެގުމަށް ހައިކޯޓުން އަމުރު ކޮށްފި

އިބްރާހިމް ޒަކީ

ފެމިލީ ކޯޓުގެ ކައިވެނި ރަޖިސްޓްރާގެ މަގާމަށް މީހަކު ހޯދުމަށް ފެމިލީ ކޯޓުން ކޮށްފައިވާ އިއުލާނާ އެއްގޮތަށް އެ މަގާމަށް މީހަކު ނުނެގުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ 15 ޖޫން 2010 އިން ފެށިގެން ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާގެ މަގާމުގައި ވަޒީފާ އަދާކުރަމުންދިޔަ އަހުމަދު އަބްދުﷲ 26 މާޗު 2019ގައި ވަޒީފާއިން ސަސްޕެންޑުކޮށް، 2 މެއި 2019ގައި ވަޒީފާއިން ވަކިކުރި މައްސަލައާ ގުޅިގެން ކޮށްފައިވާ އަމުރެކެވެ.

މި މައްސަލައިގައި އަހުމަދު އަބްދުﷲ ވަޒީފާއިން ވަކި ކުރުމާ ގުޅިގެން އޭނާގެ ފަރާތުން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

އޭނާ ހުށަހެޅީ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަށާއި ވަޒީފާ ހަމަޖައްސައިދޭ ދުވަހާއި ހަމައަށް މުސާރައާއި އިނާޔަތްތައް ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހަ މަސް ދުވަހުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭނެ އަދަދާއި އެއްވަރުގެ އަދަދެއް ނަގައިދިނުމަށެވެ.

އެ މައްސަލަ ބަލައި ޓްރައިބިއުނަލުން ނިންމާފައި ވަނީ، އަހުމަދު އަބްދުالله ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށާއި އޭނާ ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް އަންފެއާ ޑިސްމިސަލް އެއް ކަމަށެވެ.

އެހެންކަމުން އޭނާ އަދާކުރަމުންދިޔަ މަގާމަށް އަނބުރާ ރުޖޫއަކުރުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް، އޭނާ އަދާކުރި މަގާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ އަހުމަދު އަބްދު اللهއަށް އެކީ އެއް ފަހަރާ ދިނުމަށްވެސް އަމުރުކޮށްފައިވެއެވެ.

ޓްރައިބިއުނަލްގެ އެ ނިންމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. އެއަށްފަހު އަހުމަދު އަބްދުﷲ އަދާކުރި މަގާމަށް ވަގުތީ މުވައްޒަފަކު ނެގުމަށް 5 ޑިސެމްބަރު 2021ގައި އެ ކޮމިޝަނުން އިއުލާން ކުރިއެވެ.

އެ އިއުލާނާ ގުޅިގެން ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލައިގައި ހައިކޯޓުން ހުކުމް ކުރަންދެން، އެ އިއުލާން ބާތިލުކުރުމަށާއި އެ މަގާމަށް އެހެން މީހަކު ހަމަޖެއްސުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށް ފެމިލީ ކޯޓަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި އަހުމަދު އަބްދުﷲގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލަ ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު، އަހުމަދު އަބްދުﷲގެ ފަރާތުން އެދިފައިވާ ގޮތަށް ފެމިލީ ކޯޓުގެ ކައިވެނި ރަޖިސްޓްރާގެ މަގާމަށް މީހަކު ހޯދުމަށް ފެމިލީ ކޯޓުން ކޮށްފައިވާ އިއުލާނާ އެއްގޮތަށް އެ މަގާމަށް މީހަކު ނުނެގުމަށް ފެމިލީ ކޯޓާއި ކަމާބެހޭ ފަރާތްތަކަށް ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ.