އުރީދޫ

އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން އާންމު ހިއްސާދާރު ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން ހުޅުވާލީ ހުސްވި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ނަމަވެސް އުރީދޫން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ, ކޮވިޑު މިހާރު ފެތުރެމުންދާ މިންވަރަށް ބަލައި, ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި ހިއްސާދާރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ފޯމު ހުށަހަޅަންޖެހޭ ވަގުތު ފާއިތުވި އިރު, ބައެއް ހިއްސާދާރުން ހުށަހަޅާފައިވާ ފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅާފައި ނުވާ ކަމަށާއި އަނެއްބައި ފަރާތްތަކަކީ މަގާމުގެ ޝަރުތުތައް ހަމަ ނުވާ ފަރާތްތަކެއް ކަމަށް ބުންޏެވެ.

އުރީދޫން ބުނީ, އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން އަލުން ހުޅުވާލަން ނިންމީ ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއެކު ފުރިހަމަކޮށްފައިވާ ފޯމެއް ހުށަހެޅުމުގެ ހަމަހަމަ ފުރުސަތު އެ ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެ ފުރުސަތާއެކު ތަފާތު އެކި ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ ހުނަރުވެރި ގާބިލު ބޭފުޅުން އެ މަގާމަށް ކުރިމަތިލާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އުރީދޫން ބުންޏެވެ.

އުރީދޫގެ ނުސް ބަޔާނުގައި ބުނެފައިވާ ގޮތުން, އެ މަގާމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ. އަދި ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް, އުރީދޫގެ ވެބްސައިޓުން ނުވަތަ ތިރީގައިވާ ލިންކުން ލިބޭނެއެވެ.

އާންމު ހިއްސާދާރުންގެ މަގާމަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ ފޯމް --

އުރީދޫން ބުނީ, ބޯޑު ޑިރެކްޓަރު ކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތަކުގެ ތެރެއިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނީ, ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީން ބަލައި, ޝޯޓް ލިސްޓު ކުރާ ފަރާތްތައް ކަމަށެވެ.

އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު, އެ މަގާމަށް އިންތިހާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު ހިއްސާދާރުންނަށް އަންނަ މަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ބުންޏެވެ.