ބ. ގޮއިދޫގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރެމުންދާތީ އެރަށް މިއަދު މޮނިޓަރިން އަށް ލައިފި އެވެ.
ގޮއިދޫ ސިއްހީ މަރުކަޒާއި ހަވާލުވެގެން މިވަގުތު ހުންނެވި އަހުމަދު ފަޒީލް "ވަން" އަށް މިއަދު ވިދާޅުވީ އެރަށުގައި މިހާރުވެސް 46 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި ސިއްހީ ހިދުމަތްތެރީންނާއި ސްކޫލް ދަރިވަރުން އަދި މުވައްޒަފުން ވެސް ހިމެނޭ ކަމަށް އޭނާވިދާޅުވި އެވެ.
ފަޒީލް ވިދާޅުވީ ގޮއިދޫގެ ހާލަތު ގޯސްވެފައިވަނީ ޗުއްޓީއާ ދިމާކޮށް ކަމަށެވެ. އެއީ ރަށަށް އަރައި ފޭބި މީހުން އިތުރުވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު ގޯސްވެފައިވާއިރު ފާނަ ބަސަންދާއި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއްވެސް މި ދުވަސްކޮޅު ދަނީ ފެތުރެމުންނެވެ. ފަޒީލް ވިދާޅުވީ އެރަށުގައި ކޮވިޑާއެކު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއްވެސް ފެތުރެމުންދާ ކަމަށެވެ.
"މި ރަށުގަ ކޮވިޑުގެ ހާލަތުވެސް މިވަނީ ގޯސްވެފަ. އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާވެސް އެބަ ފެތުރޭ. ސްކޫލް ކުދީންނާއި މުވައްޒަފުންވެސް ބަލިވެފަ ތިބީ. ދެން ސިއްހީ މަރުކަޒުގަ މިއަދުވެސް ހިދުމަތް ދޭން މިތިބީ ޖުމުލަ ހަތަރު މުވައްޒަފުން. އެންމެން ބަލިވެ. އެއްބަޔަކު ކޮވިޑުގަ. އަނެއް ބަޔަކު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ޖެހިފަ. ދެން ކަރަންޓީނުގަ. ވަރަށް ބޮޑަށް ދަތިވޭ މިފަދަ ހާލަތެއްގަ ސިއްހި ހިދުމަތްތެރިން ބަލިވީމަ." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލުގެ 10 ޓީޗަރަކު ޕޮޒިޓިވް ވެފައިވާއިރު، އެއް ނަރުހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ހެލްތު ސެންޓަރުގެ ހަ މުވައްޒަފަކު ކަރަންޓީނުގައި އެބަ ތިބި ކަމަށް ވެސް ވިދާޅުވި އެވެ.
ފަޒީލް ވިދާޅުވީ މިވަގުތު އަދި ޑޮކްޓަރުގެ ހިދުމަތް ލިބެމުން އަންނަ ކަމަށާއި ނަމަވެސް އިތުރަށް ނަރުހުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ގޮއިދޫ މިހާރު މޮނިޓަރިން އަށް ލާފައިވާއިރު ސްކޫލްތައްވެސް މާދަމާއިން ފެށިގެން ބަންދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑު ޖެހިފައިވާ މީހުންގެ ތެރެއިން ގޮއިދޫގެ އެއްވެސް މީހަކަށް މިވަގުތު ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ނުދާ ކަމަށާއި ހުރިހާ އެންމެންގެ ހާލުވެސް މިވަގުތު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ 17 ރަށެއް މޮނިޓަރިން އަށް ވަނީ ލައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު މޮނިޓަރިން އަށް ލާފައިވާ ކ. މާފުށްޓެވެ.