މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އައްޑޫ ސިޓީ މަރަދޫގައި އަޅައިފިއެވެ.

މަރަދޫ ޕާކް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އަދި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުއެވެ.

ޖުމުލަ 22.3 މިލިއަން ރުފިޔާއަށް މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ. 411 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރެވުނު ތިން ބުރީގެ މި އިމާރާތުގައި އިދާރީ އޮފީހަކާއި، ސްޓާފް އެކޮމޮޑޭޝަން ބައެއްގެ އިތުރުން ރީޖަނަލް ޓްރޭނިން ސެންޓަރެއް އެޅުމަށް ވަނީ ކޮންޓްރެކްޓް ކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްދިނުން ކަމަށާއި މާލެ ފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯޓް އެކްސްޕޯޓްގެ މަސައްކަތް ވީހާވެސް ފުޅާދައިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މިއަދު މި ބިންގާ އެޅުނު އޮފީހުގެ ސަބަބުން އައްޑޫ ސިޓީގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްގީވެ، އައްޑޫ ސިޓީގެ ވިޔަފާރިއަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ އިމާރާތަކީ ކަސްޓަމްސްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އައްޑޫގައި އެޅޭ ސަރުކާރުގެ މުހިންމު ބިނާއަކަށް ވެގެންދާނެ ކަމަށެވެ. އަދި އެ އިމާރާތުގެ ސަބަބުން އައްޑޫ ސިޓީގެ އެކްސްޕޯޓް އިމްޕޯޓްގެ މަސައްކަތް ފުޅާވެ އައްޑޫގެ ވިޔަފާރިތަކަށް މުސްތަގުބަލުގައި ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލުކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން ކައުންސިލަރުންނާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ކަސްޓަމްސްގެ އިސްވެރިންނާއި ކަސްޓަމްސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.