ކޮމަންޑޫ ދާއިރާގެ ބައި-އެލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އަށް ތައީދު ހޯއްދެވުމަށް، ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ދެ ރައީސުން މާދަމާ ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީގެ އޮފިޝަލަކު މިރޭ "ވަން"އަށް ކަށަވަރުކޮށްދިން ނަމަވެސް، އެ ދަތުރުގެ ތަފުސީލު ދީފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ކެމްޕޭން ފޯރިއާއެކު މިހާރު ކުރިއަށްދާ އިރު، ރާޝިދުގެ ކެމްޕެއިން ލޯންޗުކުރެއްވުމަށް ރައީސް ސޯލިހު ވަނީ މިމަހުގެ ކުރީކޮޅު ވެސް ށ. ކޮމަންޑުއަށް ވަޑައިގެންފައެވެ. ރައީސްއާއެކު ކޮމަންޑޫގައި އޭރު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ނަޝީދު ވަނީ އޯޑިއޯ މެސެޖެއް ދެއްވައިފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ރާޝިދާ ދެކޮޅަށް ނުކުންނަވާނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީހާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މުސާ ފަތުހީއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވާނެކަމަށް އިއުލާނުކޮށްފައެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.