ޚަބަރު

އޭޑީކޭގައި ބަލި މީހުންނަށް ޒިޔާރަތްކުރުން މަނާކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ތިބޭ ބަލިމީހުންނަށް ޒިޔާރަތް ކުރުން މާދަމާއިން ފެށިގެން މަނާކުރުމަށް އެ ހޮސްޕިޓަލުން ނިންމައިފިއެވެ.

އޭޑީކޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް 19ގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުންދާތީ، އާންމުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ބަލި ފެތުރޭ މިންވަރަށް ބަލައި، ތަފާތު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

އެގޮތުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ބަލިމީހުންނަށް ޒިޔާރަތްކުރުން މާދަމާ އިން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށް އޭޑީކޭ އިން ބުންޏެވެ.

އޭޑީކޭއިން ބުނީ އެޑްމިޓްކޮށްފައިވާ ބަލިމީހެއްގެ އެހީތެރިންގެ ގޮތުގައި މަޑުކުރެވޭނީ އެންމެ މީހަކަށް ކަމަށާއި އެހީތެރިޔާގެ ގައިިގައި ބަލީގެ އެއްވެސް އަލާމާތެއް ހުރެގެން ނުވާނެ ކަމަށެވެ. އަދި ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށާއި ހޮސްޕިޓަލަށް ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ކޭސްތައް އިތުރުވަމުންދާތީ، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން އިމަޖެންސީ ސާޖަރީތައް ފިޔަވައި އެހެނިހެން ސާޖަރީތައް ހެދުންވެސް ވަނީ މެދުކަނޑާލައިފައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެން ފަށާފައިވާ އިރު، އިއްޔެ އެކަނިވެސް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވިއެވެ. މިމަހު ދުވާލެއްގެ މައްޗަށް 1،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވާ އިރު، މިއަދު ވެސް 1،697 މީހަކު ޕޮޒިޓިވްވިއެވެ. މިހާރު މީހުން ޕޮޒިޓިވްވާ ރޭޓަށް ބަލާ އިރު، ލޮކްޑައުނަކަށްވެސް ދާން ޖެހިދާނެ ކަމަށް އެޗްޕީއޭ އިން ވަނީ އިންޒާރުވެސް ދީފައެވެ.