އދ. ކުނބުރުދޫގައި ބޭރަށް ހިންގުމާއި ހޮނޑުލުން ފެތުރި އެރަށު ހެލްތު ސެންޓަރު ފުރިއްޖެއެވެ.
ކުނބުރުދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޒްމީ މިރޭ "ވަން" އަށް ވިދާޅުވި، އެރަށު ހެލްތު ސެންޓަރުގައި ހުންނަނީ ޖުމްލަ ހަތަރު އެދު ކަމަށެވެ. އެއީ ވޯޑުގައި ހުންނަ ތިން އެދާއި ބޭސް އަޅާ ކޮޓަރީގައި ހުންނަ އެދު ކަމަށެވެ.
އަޒްމީ ވިދާޅުވީ ބޭރަށް ހިންގުމާއި ހޮނޑުލުމަށް ފަރުވާ ދޭ މީހުންނަށް އިންޖެކްޝަން ޖެހުމަށްފަހު ވަކި ވަގުތެއް ވަންދެން އޮބްޒަވޭޝަންގައި ބާއްވަން ޖެހުމުން މިހާރު ހެލްތު ސެންޓަރުގެ ކޮރިޑޯގައި ވެސް ބައެއް މީހުން އޮބްޒަވޭޝަނަށް ބާއްވަމުންދާ ކަމަށެވެ.
"ބޭރަށް ހިންގުމާއި ހޮނޑުލުން ވަރަށް އެބައުޅޭ، ވަކިން އެހެން ކަމެއް ނެތް، ކޮރިޑޯގައި ވެސް ބައެއް މީހުން އެބަތިބި މިހާރު،" އަޒްމީ ވިދާޅުވިއެވެ.
އަޒްމީ ވިދާޅުވީ މީގެ ކުރީގައި ވެސް އެރަށުގައި ބޭރަށް ހިންގުމާއި ހޮނޑުލުން ފެތުރޭ ކަމަށެވެ. ނަމަވެސް މިއަހަރު އެއަދަދު ބޮޑު ތަނުން އިތުރުވެފައިވާ ކަމަށާއި ޑޮކްޓަރަށް ދައްކަން ދާ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށުގައި ހަލުވި ކަމާއެކު ބޭރަށް ހިންގުމާއި ހޮނޑުލުން ފެތުރެމުންދާތީ ބޭސް ހުސްވާން ކައިރިވެފައިވާ ކަމަށެވެ. އަދި ބޭސް ގެންނަން ޖެހެނީ އެއަތޮޅު މަހިބަދޫން ކަމަށް ވެސް ވިދާޅުވިއެވެ.
އަޒްމީ ވިދާޅުވީ ކުނބުރުދޫގައި ބަލި ފެތުރެން ފެށުމުން ޗުއްޓީގައި ހުރި ޑޮކްޓަރު އަނބުރާ ރަށަށް އައިސް ވަޒީފާއަށް ނުކުންނަން ފަށާފައިވާ ކަމަށާއި މިހާރު އެރަށު ހެލްތު ސެންޓަރުގައި ދެ ޑޮކްޓަރުން އެބަތިބި ކަމަށެވެ.
ކުނބުރުދޫގައި ބޭރަށް ހިންގުމާއި ހޮނޑުލުން ފެތުރެމުންދާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެބަލި ޖެހޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.