އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ގަދަ 16 ގެ މެޗަށް ތައްޔާރުވަމުންދާ އިރު، މިސްރުން ގޯލު ޖެހުމުގެ ބައި، "ފިނިޝިން" ރަނގަޅު ކުރަން ޖެހޭ ކަމަށް ކޯޗު ކާލޯސް ގެއިރޯޒް ބުނެފިއެވެ.

މިސްރުން ރޭ ގްރޫޕް ޑީގައި ކުޅުނު ފަހު މެޗުގައި ސޫދާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިސްރު ގްރޫޕުގެ ދެވަނައަށް ދިޔައީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. އެޓީމު ގްރޫޕް ސްޓޭޖުގައި ބަލިވީ ހަމައެކަނި ނައިޖީރިއާ އަތުން ނަމަވެސް މޮޅުވި ދެ މެޗު ވެސް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ޖެހުނީ ދެ ގޯލެވެ.

އެއީ މިސްރުގެ ކޯޗު ގެއިރޯޒްއަށް އެންމެ އެކަށޭނެ އަދަދެއް ނޫން ކަމަށް ރޭގެ މެޗަށްފަހު އޭނާ ބުނެފައިވެއެވެ. ހާއްސަކޮށް ދުނިޔޭގެ އެންމެ ފޯމު ރަނގަޅުކޮށް ހުރި ފޯވަޑް، މުހައްމަދު ސަލާހް ފަދަ ކުޅުންތެރިން މިސްރުގެ އެޓޭކު ލައިނުގައި ތިބި އިރު، އެ އަދަދަކީ ކޯޗު ހިތްހަމަޖެހުނު އަދަދެއް ނޫނެވެ. ރޭ ސޫދާނާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސަލާހަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެގެން ދިޔަ އިރު، އޭނާ ގޯލު ޖެހީ ގީނީ-ބީސާ އާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

"އަހަރެން ބުނަން ބޭނުންވަނީ މާދަމާ ހެނދުނުން ފެށިގެން މެންދުރު ވާންދެންވެސް ޓީމުން ކުރަންވީ ކަމަކީ ފިނިޝިން ޑްރިލްތައް ހެދުމޭ،" ސަމާސާ ރާގަކަށް ގެއިރޯޒް ބުންޏެވެ.

ގެއިރޯޒް ބުނީ މިސްރުން ކުޅުނީ ރަނގަޅު ފުޓުބޯޅައެއް ނަމަވެސް އެއީ ފުއްދާލެވޭނެ މިންވަރެއް ނޫން ކަމަށެވެ. ރަނގަޅު ފުޓުބޯޅައާއެކު ގޯލުވެސް ޖަހަން ޖެހޭ ކަމަށް ގެއިރޯޒް ފާހަގަކުރިއެވެ. މިސްރަށް ގޯލު ނުޖެހިގެން އުޅޭ ސަބަބެއް ކަމަށް ގެއިރޯޒް ފާހަގަކުރި އެއް ސަބަބަކީ ފުރަތަމަ މެޗުން ބަލިވެ، ޓީމަށް ކުރިމަތިވި ޕްރެޝަރެވެ. އެ ޕްރެޝަރުން އަރައިގަނެ ޓީމު ގަދަ 16 އަށް ދިޔުމުން އެކަމަށް ޕޯޗުގަލްގެ ކޯޗު ގެއިރޯޒް ތައުރީފު ކޮށްފައިވާ އިރު، ގަދަ 16 ގައި ޓީމަށް އެ ޕްރެޝަރު ނޯންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"ޓީމުން ގޯލަކާ ހަމައަށް ވަރަށް ފުރިހަމައަށް ދޭ. އެކަމަކު ކުޑަކުޑަ މިސްޓޭކަކުން ގޯލަކަށް ބަދަލު ނުކޮށްލެވިގެން ދަނީ. އެ ގޯލު ނުޖެހުމުން ޓީމަށް ޕްރެޝަރުވެ، އުނދަގޫތަކާވެސް ކުރިމަތިވޭ. ރޭގެ މެޗުގައިވެސް އެކަން ފާހަގަވި. ފުރަތަމަ ހާފުގައި ހުސްކޮށް ލިބުނު ފުރުސަތުތައް ބޭކާރުކޮށްލުމުން ފަހު މިނެޓަށް ދަންދެން ޕްރެޝަރުގައި ކުޅެން ޖެހުނީ،" އުމުރުން 68 އަހަރުގެ ކޯޗު ގެއިރޯޒް ބުންޏެވެ.

މިސްރުން ގަދަ 16 ގައި ވާދަކުރަން ޖެހޭނީ ގްރޫޕް އީގެ އެއްވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. އެ ގްރޫޕުގެ އެއްވަނަ ޔަގީންވާނީ މިރޭ އޮންނަ މެޗުތަކުންނެވެ.