ޚަބަރު

ޔާމީން މަރުގެ މައްސަލައިގައި ހުކުމް ކުރީ ކޮމިޝަންގެ ތަހުގީގަކަށް ނޫން، ތަހުގީގު ދަނީ ކުރިއަށް: ކޮމިޝަން

މުހައްމަދު އިޝާން

ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.

މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް ރޭ "ވަން"އަށް ވިދާޅުވީ، ކުރިމިނަލް ކޯޓުން ޔާމީންގެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ މަރު ކޮމިޝަނުގެ ތަހުގީގަށް ބިނާކޮށް ނޫން ކަމަށެވެ. އެހެންކަމުން އެ ހުކުމާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކަވަން ބޭނުން ނުވާ ކަމަށެވެ. ޔާމީންގެ މަރާ ގުޅިގެން އިތުރު މަސައްކަތެއް ކުރަމުންދޭތޯ ސުވާލު ކުރުމުން މިސްބާހު ވިދާޅުވީ، ޔާމީންގެ މަރާ ގުޅިގެން ކޮމިޝަނުން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ.

"އެއް ކަމަކީ ކޮމިޝަންގެ ތަހުގީގަކަށް ނޫން ހުކުމްކުރީ، ޔާމީންގެ މަރުގެ މައްސަލައާ ގުޅިގެން މި ކޮމިޝަނުން ކުރަން ޖެހޭ ކަންކަން ދަނީ ކުރަމުން،" މިސްބާހު ވިދާޅުވިއެވެ.

މަރު ކޮމިޝަނުން މިގޮތަށް ބުނެފައިވާއިރު، 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގު ނިމިފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ ޝަރީއަތް ކުރިޔަށް ދާތީ ހާމަ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ޝަރީއަތް ނިމުނުހާ އަވަހަކަށް އެ މައްސަލައިގެ ރިޕޯޓު ހާމަ ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލީ، އޭނާ ދިރިއުޅުނު އިމާރާތް މ. ސްޕެޓީއުލާ ގޭ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީގެންނެވެ.

ޔާމީން މަރާލި މައްސަލައިގެ ދައުލަތުން ހަ މީހަކަށް ދައުވާ އުފުލިޔަސް ކުށް ސާބިތުވެފައިވަނީ ދެ މީހެއްގެ މައްޗަށެވެ. އެއީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް އާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އެވެ. އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާތީ ކުރިމިނަލް ކޯޓުން ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައި، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ. އަދި ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފަން ވެސް ވަނީ ހުކުމް ކޮށްފައެވެ.

ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެއީ ދައުލަތުން ހުށަހެޅި ހެކިތަކުން ގަސްތުގައި މީހަކު މަރައިލި ކަން އެމީހުންގެ މައްޗަށް ސާބިތު ކުރުމަށް ބަލާ ރުކުންތައް ހަމަ ނުވާތީއެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތު ވާ ކަމަށް ކަނޑައެޅުމަކީ މި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއް ކަމަށެވެ.

މި މައްސަލައިގައި އިތުރު ހަތަރު މީހުންގެ މައްޗަށް (ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު)ގެ ފަސްވަނަ މާއްދާގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދަކީ، ވެސް ޔާމީން ރަޝީދު މަރާލުމުގެ އަމަލު ރޭވުމުގަ އާއި، އެކަން ތަންފީޒު ކުރުމުގައި އެކި މިންވަރަށް ބައިވެރިވާ ބައެއްކަން މައްސަލައިގެ ހެކި ގަރީނާއިން އެނގޭ ބައެެއް ކަމަށްވެސް ބުނެފައިވެއެވެ.

މި ހަތަރު މީހުންގެ މައްޗަށް ކުރި ދައުވާތައް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާތީ އެ ހުކުމް ދިވެހި ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ނިޔަތް އެބައޮތް ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި މަރު ކޮމިޝަނުން ބަލާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޔާމީންގެ މަރުގެ މައްސަލަ ވެސް ހިމެނެއެވެ.

އެ މައްސަލައިގެ ތަހުގީގަށް މީގެ ކުރިން ވެސް ފުލުހުނާއި އެހެން ގޮތްގޮތުން އެ މައްސަލައާ ގުޅުންހުރި މީހުން ވަނީ ހާޒިރުކޮށްފައެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ވެސް ހިމެނެއެވެ. އޭނާ ހާޒިރުކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޔާމީނަށް އިންޒާރު ދިނުމާއި ގުޅިގެންނެވެ.