ކިޔަވައިދޭ ވަގުތުތަކުގައި ދަރިވަރުންނަށް ޓީޗަރުގެ މޫނު ފެންނަން ޖެހޭ ކަމަށް ދެކޭ މީހުންނަކީ ލޭ ހުއްދަވެގެންވާ މީހުން ކަމަށް ދެކޭތީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މޫނު ބުރުގާ އަޅައިގެން ތިބޭ ޓީޗަރުން ކިޔަވައިދޭ ވަގުތު މޫނު އަޅައިގެން ތިބެވެން ޖެހޭނެ ކަމަށް ބުނާ ބުނުމާ ދެކޮޅަށް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ގިނަ ބެލެނިވެރިންނާއި ދަރިވަރުންވެސް ބޭނުންވަނީ ޓީޗަރުން ކިޔަވައިދޭއިރު، އެއީ ކޮން ބައެއްކަން ސާފުވާ ގޮތަށް ތިބުމަށް ކަމަށެވެ.
އެމްޑީޕީން ބުނީ، މޫނު އަޅައިގެން ކިޔަވައިދިނުމާ ދެކޮޅަށް ވާހަކަދައްކާ މީހުންނަކީ ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހުން ކަމަށް ސިފަކުރާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ.
"މީގެކުރިން ވެސް އެފަދައިން ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެހެންކަމުން، އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން ގޮވާލާގޮވާލުން ތަކުރާރުކުރަމެވެ..،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަންވެސް އޮންނަންޖެހޭ ވަކި ހާއްސަ ތަންތަންކަމަށް ވާއިރު، ކިޔަވައިދިނުމަށް ދަރިވަރުންނާ ބައްދަލުކުރާ ޓީޗަރުންނަކީ ކޮން ބައެއްކަން ޔަގީންވާންޖެހޭ ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބުމަށް ޓީޗަރުންނަށް އަންގައިފައެވެ. އެޑިއުކޭޝަނުން އެ އެންގުން އަންގާފައިވަނީ، ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަަކަށްވުމާއި ޓީޗަރުންގެ މޫނު މައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ދަރިވަރުންނަށް ފިލާވަޅު ފަހުމުވުމުގައި އެހީއަކަށްވާ ކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާތީ އެ ފުރުސަތުން ދަރިވަރުން މަހުރޫމުވިޔަ ނުދިނުމަށެވެ.
ކިޔަވައިދޭއިރު މޫނު އެޅުމާއި ނެގުމުގެ ބަހުސް ބޮޑުވެފައިވާ އިރު، ބައެއް ސިޔާސީ ޕާޓީތަކުން ވަނީ މޫނު އެޅުން ދިފާއުކޮށްފައެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނީ މޫނު ބުރުގާ އެޅުމަކީ އެއްވެސް ފަރާތަކަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު