ބާޒާރުމަތީގައި ހިންގި މަޝްހޫރު "ޑޯން ކެފޭ"ގެ ކުލީގެ ގޮތުގައި އެ ބިމުގެ ވެރިފަރާތަށް ދެއްކުމަށް، އެތަން ކުއްޔަށް ހިފައިގެން ހިންގި މ.ފެންގަސް މުހައްމަދު ޔޫސުފުގެ މައްޗަށް ޗިވިލް ކޯޓުން ހުކުމް ކުރި ފައިސާ އެއްވެސް ފަރާތަކަށް ދޫ ނުކުރަން ހައިކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ ޑޯން ކެފޭ އިމާރާތް ހުސް ކުރުމާއި، އެތަނުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ މ.ފެންގަސް މުހައްމަދު ޔޫސުފްގެ ފަރާތުން، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް މ.މާފަންނުގެ އާގެ ފާތިމަތު ފަރީދު އާއި އައިމިނަތު އިބްރާހިމް އާ ހަވާލު ކޮށްފައި ނުވާތީ އެ ގަޒިއްޔާގެ ހުުކުމް ތަންފީޒު ކުރުމުގެ ގޮތުން ސިވިލް ކޯޓުގެ އިސްނެގުމުގެ މަތިން ބެލި މައްސަލައެކެވެ.
ޑޯން ކެފޭ ހުރިތަން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހުސްކޮށް، އެ މުއްދަތުގެ ނިޔަލަށް ދައްކަން ޖެހޭ އެންމެހައި ފައިސާ ދެއްކުމަށް އަންގައި ފަހެއް ޖުލައި 2020 ގައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމާ އެއްގޮތަށް އެތަން ހުސްކޮށް ހަވާލު ކޮށްފައިވީ ނަމަވެސް އެ މުއްދަތުގެ ނިޔަލަށް ދައްކަން ޖެހޭ ފައިސާއާމެދު ދެފަރާތުގެ ދެމެދުގައި ހިލާފު އުފެދިފައިވެއެވެ.
އެހެންކަމުން ޑޯން ކެފޭގެ ކުލީގެ ގޮތުގައި ނުދައްކާވާ މިންވަރަކީ 250،000 ކަމަށް ކަނޑައަޅައި، އެ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކައި ދަރަނި ހަލާސް ކުރުމަށް މުހައްމަދު ޔޫސުފަށް އަންގައި 10 ނޮވެމްބަރު 2021 ގައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ ހުކުމާ ގުޅިގެން އެ މައްސަލަ މުހައްމަދު ޔޫސުފުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެއާއެކު ސިވިލް ކޯޓުގެ އަމުރު ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ވެސް އޭނާ ވަނީ ހައިކޯޓުގައި އެދިފައެވެ.
އެހެންކަމުން އޭނާ ހުށަހެޅި ހުށަހެޅުންތަކަށް ބަލައި، ޑޯން ކެފޭގެ ކުލީގެ ގޮތުގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރި ފައިސާ އެ ހުކުމާ އެއްގޮތަށް ސިވިލް ކޯޓަށް ދެއްކުމަށާއި، ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގައި އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ އެ މައްސަލައިގައި ވަކި ގޮތަކަށް އެ ކޯޓުން އަންގަންދެން އެއްވެސް ފަރާތަކަށް އެފައިސާ ދޫ ނުކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށް ހައިކޯޓުން އިއްޔެ ވަނީ އަމުރު ކޮށްފައެވެ.