ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ލަންކާގައި ހުންނަ ސޯސަންވިލާގައި ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

އިބްރާހިމް ޒަކީ

އަވަށްޓެރި ސްރީލަންކާގައި އޮތް ކޮވިޑް ހާލަތަށް ބަލައި އަޅަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު، އެގައުމުގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) ނުވަތަ ސޯސަންވިލާގައި އިއްޔެ ދެވަނަ ޓާމްގެ ކިޔެވުން ފަށައިފިއެވެ.

ލަންކާ އެންބަސީގެ އޮފިޝަލަކު ވަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުރަތަމަ ޓާމުގެ ޗުއްޓީއަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ސޯސަންވިލާގައި އިއްޔެ ފަށާފައިވާއިރު، ސްރީލަންކާގައި އޮތް ކޮވިޑްގެ ހާލަތަށް ބަލައި ބައެއް ކްލާސްތަކުގެ ދަރިވަރުން ސޯސަންވިލާއަށް ގޮސް ކިޔަވާއިރު، އަނެއްބައި ކްލާސްތަކުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ދަށުން ހިންގާ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި ކިޔަވައިދެނީ ރާއްޖޭގެ ތައުލީމީ މުގައްރަރާ އެއްގޮތަށެވެ. އެގޮތުގެ މަތީން ސޯސަންވިލާއަކީ ދިވެހި، އިސްލާމް އަދި ގުރުއާން ކިޔަވައި ދެމުން އަންނަ ތަނެކެވެ.

ލަންކާގައި ހުންނަ ދިވެހި އެންބަސީގެ އޮފިޝަލު ވިދާޅުވީ އެމްއީސީސީގައި 300 އަށްވުރެ ގިނަ ދަަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނަ ކަމަށެވެ.