ލައިފް ސްޓައިލް

ގެމަނަފުށީ ބޮނޑި، ކާށިތެޔޮ އަދި ދިޔާހަކުރުގެ އުފެއްދުންތައް، މާބޮޑަށްވެސް ތަފާތު

މަރިޔަމް ޝަފާ އިބްރާހިމް

1

ހުވަދުއަތޮޅު ބޮނޑީގެ ރަހަ ބަލައިލުމުގެ ފުރުސަތު ލިބުމުން ހިތަށް އެރީ މިއީ އައްޑޫ ބޮނޑީގެ ރަހަ ހަނދާން ނައްތައިލެވޭ ވަރު ރަހައަކަށް ވާނެ ބާވައޭ އެވެ. ޒަމާނުއްސުރެ އަބަދުހެން އިވެމުން އަންނަނީ އައްޑޫ ބޮނޑީގެ މީރު ރަހައިގެ ވާހަކައެވެ. އަދި ހަގީގަތުގައިވެސް އެއީ ހަމަ ވަރަށްވެސް މީރު ރަހައެކެވެ.

މިހާރު ތަފާތު އެހެން އަތޮޅުތަކުގެ ރަހައިގައިވެސް ބޮނޑި ލިބޭ ގޮތް ވުމަކީ ވަރަށްބޮޑު އުފަލެކެވެ. ރާއްޖޭގެ ތަފާތު ހިސާބުތަކުގައި ތަފާތު ގޮތްގޮތަށް ބޮނޑި އުފައްދައި އޭގެ ވިޔަފާރިވެސް އަންނަނީ ކުރިއަރަމުންނެވެ. މިގޮތުން ދެކުނުގެ އެންމެ ބޮޑު އެއް އަތޮޅު ކަމަށްވާ ހުވަދުއަތޮޅުގައި މިހާރު މި މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހުވަދުއަތޮޅު ގެމަނަފުށްޓަކީ މަސްވެރިކަމުގެ ގޮތުން ވަރަށް ކާމިޔާބު, އެހައިމެ މަޝްހޫރު ރަށެކެވެ. ނަމަވެސް މިހާރު އެއީ ހަމައެކަނި މަސްވެރިކަމަށް ކުރިއަރާފައި އޮތް ރަށެކޭ ބުނެވޭކަށް ނެތެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި މޫސުމީ ކަމެއްގެ ގޮތަށް ކުރާ ބައެއް މަސައްކަތްތައް ވަރަށް ފުޅާކޮށް ކުރާ އެއްރަށަކީ ގެމަނަފުށްޓެވެ. މިގޮތުން ގެމަނަފުށީ ބޮނޑިއާއި ދިޔާ ހަކުރާއި ކާށިހުންޏާއި ކާށިތެލާއި ގަބުޅިން ހަދާ ފޮނި ކާއެއްޗެހިވެސް މިހާރު ގެމަނަފުށިން ވަރަށް ފަސޭހަކަމާއެކު ލިބެން ހުރެއެވެ.

ދިޔާ ހަކުރަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި ދިވެހި ބޭސް ހެދުމަށްވެސް ބޭނުންކުރާ އަދި ހަމަ އެހެންމެ, ކެއުމުގައިވެސް ހިމަނާ ދިވެހި އުފެއްދުމެކެވެ. ރުކުން ބާލައި, ރާ ކައްކައި އޭގެން ދެތިން ވައްތަރަކަށް ހަކުރު އުފެއްދުމަކީ ޒަމާނުއްސުރެ ދިވެހިން ކޮށްއުޅޭ މަސައްކަތެކެވެ.

ދިޔާހަކުރަކީ ދިވެހި ބޭސް ހެދުމަށް ވަރަށް ހާއްސަކޮށް ބޭނުން ކުރާ ބާވަތެކެވެ. އަދި ކެއުމަށްވެސް ބޭނުން ކުރާ ރަހަމީރު ފައިދާ ހުރި އެއްޗެކެވެ. ވިހެއުމަށްފަހު އަންހެނުންނަށް ކުރަމުން އަންނަ ދިވެހި ބޭސް، އަދި ވަކި މުއްދަތެއް ހަމަވަންދެން ބޯންދޭ ބޭސް ތައްޔާރުކުރުމަށް ދިވެހި ދިޔާ ހަކުރު ބޭނުން ކުރެއެވެ. "ހިލިބޭސް" ކިޔާ ކުޅި ރަހައެއްގެ ކަޅު ކުލައެއްގެ ވަރަށް މީރު ބޯ އަދި ކާ ބޭހެއް ދިޔާ ހަކުރު ބޭނުންކޮށްގެން ތައްޔާރުކުރެވެއެވެ.

"ދިވެހި ބޭސް ހެދުމަށް ހާއްސަކޮށް ބަނޑު ބޭސް ހެދުމަށް ދިޔާ ހަކުރު ކޮންމެހެންވެސް ބޭނުންވާނެ. ހިލި ބޭހުގައި މައިގަނޑު އޮންނާނީ ދިޔާ ހަކުރު. ދެން ކެއުމުގައިވެސް ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެއް. ބަނޑުހަރުވުމާއި ބޮޑުކަމު ދިއުމުގެ މައްސަލަ ހުންނަ މީހުންނަށް, ވައިގެ އުނދަގޫ ޖެހޭ މީހުންނަށްވެސް ދިޔާ ހަކުރަކީ ވަރަށް ރަނގަޅު މޮޅު ފަރުވާއެއް," ދިވެހި ބޭސް ހެދުމުގައި އުމުރުގެ ބޮޑުބައެއް ހޭދަކޮށްފައިވާ ފޫޅުމައި، އާމިނާ ޒުބައިރު، 56 އަހަރު "ވަން" އަށް މައުލޫމާތު ދިނެވެ.

ކާށި ތެލަކީވެސް ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ވަރަށް މަގުބޫލު, އެހައިމެ ބޭނުންތެރި ފައިދާ ހުރި އެއްޗެކެވެ. ޒިނަތްތެރިވުމަށް، މޫނުގެ ރީތިކަމަށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ކްރީމްތަކާއި ވޮޝް އަދި ބްލީޗިން، ފޭސްމާސްކު ކަހަލަ ހުރިހާ އެއްޗެއްގައިވެސް ކާށިތެޔޮ ހިމެނިފައިވެއެވެ. ހަމައެހެންމެ ކާށިތެލަކީ ބޮލުގެ އިސްތަށިގަނޑަށްވެސް ގުދުރަތީ ރީތިކަން އިތުރުކުރުވާ ހަމުގެ އެކި މައްސަލަތަކަށް ހައްލަކަށްވެސް ވަނީ ވެފައެވެ. މީގެ އިތުރުން ކާށި ތެލުން ބައްތި ދިއްލުމާއި ބައެއް ފަހަރު ކާތަކެތި ތައްޔާރުކުރުމަށްވެސް ކާށިތެޔޮ ބޭނުންކުރެވެއެވެ. ގައިގައި ނުހަނު ގަދައަށް ވޭން އަޅައި ދަތް ރިއްސުމުގެ ތަދަށްވެސް ކާށިތެޔޮ ހޫނުކޮށްގެން ބޭނުން ކުރެވެއެވެ.

މިފަދަ ދިވެހި އުފެއްދުންތަކުން މިއަދު ފައިދާކުރުވަނިވި ވިޔަފާރިތައް ދިވެހި ދަރިން ހިންގަމުންދާކަމީ ނުހަނު ފަހުރުވެރިވުން ހައްގު އުފާވެރި ކަމެކެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ގެމަނަފުށީގެ ދެ ޒުވާނަކު ހިންގަމުން އަންނަ އޮންލައިން ސަޕްލައި ވިޔަފާރިއަކީ ދިވެހި މި އުފެއްދުންތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވަރަށް ކާމިޔާބު ވިޔަފާރިއެކެވެ. ދިވެހި އުފެއްދުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮނޑި، ކާށި ތެޔޮ، ދިޔާ ހަކުރު އަދިވެސް އެތަކެއް އެހެނިހެން ބާވަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހިދުމަތް "އައި އާރު ސަޕްލައިސް" އިން ކުރާތާ ހައެއްކަ އަހަރު ވެއްޖެއެވެ.

ގެމަނަފުށީ ބޮނޑީގެ ރަހައެކޭ އެއްގޮތަށް އޭގެ ކުލަވެސް ތަފާތެވެ. އައްޑޫ ބޮނޑީގައި ހުދު ކުލައެއް ހުންނަ އިރު ގެމަނަފުށީ ބޮނޑީގެ ކުލައަކީ މަޑު މުށިކުލައެކެވެ. ދިވެހިންގެ މި އުފެއްދުންތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަ ދެބެއިން ކަމަށްވާ ގެމަނަފުށީ މުހައްމަދު ރިސާން އާއި އަހުމަދު އިރުފާނު ވަނީ ފޭސްބުކް މެދުވެރިކޮށް "އައި އާރް ސަޕްލައިސް"ގެ ނަމުގައި، ސަޕްލައި ވިޔަފާރިއެއް ފަށައިފައެވެ. އެއީ މުޅީންވެސް އަމިއްލަ ދިވެހިވަންތަ ތަކެތީގެ ވިޔަފާރިއެކެވެ. އަދި މިއީ އާއިލީ ވިޔަފާރިއެކޭވެސް ބުނެވިދާނެއެވެ.

"އަބަދު އިވެނީ އައްޑޫ ބޮނޑީގެ ވާހަކަ. ދެން ހިތަށް އެރީ ގެމަނަފުށީގައި ހަދާ ބޮނޑިއަކަށް އައްޑޫ ބޮނޑިއޭ ކިޔުމަކީ ރަނގަޅު ކަމެއް ނޫނޭ. ދެން ގެމަނަފުށިބޮނޑީގެ ނަމުން ބޮނޑި ވިއްކަން ފެށީ. އައްޑޫ ބޮނޑީގައި ހުންނާނީ ހުދު ކުލައެއް. އެކަމަކު ގެމަނަފުށީ ބޮނޑީގައި ހުންނާނީ ބްރައުން ކުލައެއްގައި. ދިޔާ ހަކުރުވެސް ކާށިން ހަދާ ބާވަތްތައްވެސް އޯޑަރުތަކަށް ސަޕްލައިކުރަން. ގެމަނަފުށީގެ ހުރިހާ ވައްތަރުތަކެއް ތައްޔާރު ކުރާނީ ބައްޕަ ފަރާތު ބޮޑުދައިތަމެން,"

ގެމަނަފުށީ ހީވާގި ތިން އަންހެނުން، ފާތުމަތު އިބްރާހީމާއި އާމިނަތު އިބްރާހީމް އަދި އައިޝަތު ދީދީ އަކީ ބޮނޑީގެ އިތުރުން ރާ ކައްކައި އޭގެން ދިޔާހަކުރުގެ ބާވަތްތައް ތައްޔާރު ކުރާ ނުހަނު ހީވާގި ތިން އަންހެނުންނެވެ. ގަބުޅިން ތައްޔާރު ކުރާ ބޮނޑީގެ އިތުރުން ކާށިން ހުނި ޕެކެޓުތައް ހަދައި އަދި ބޮލުގައި ލާ ތެޔޮވެސް އުފައްދައެވެ. މި މަސައްކަތް ކުރާތާ ދިހަ އަހަރުވެފައިވާ އިރު, މިހާރު މިއީ ރަނގަޅު އާމްދަނީއެއް ލިބޭ ކާމިޔާބު ވިޔަފާރިއަކަށް ވަނީ ވެފައެވެ.

ސިއްހަތަށް ނުހަނު ފައިދާ ހުރި މިފަދަ ދިވެހިވަންތަ އުފެއްދުންތަކެއް "އެކްސްޕޯޓް"ކޮށް, އޭގެން ނަފާ ހޯދުމަށް ގެނަމަފުށި ރައްޔިތުން ބޭނުންވެއެވެ. ގެނަމަފުށީގެ އަމިއްލަ އުފެެއްދުންތައް މުޅި ރާއްޖެއަށް ފުޅާކުރަން ބޭނުންވެއެވެ. ރަހަ ވެސް މީރެވެ. އަޖުބަ ބަލައިލަމާ ހިނގާށެވެ.