ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ސޯޝަލް މީޑިއާ ސީރީސްއެއް

މުހައްމަދު އިޝާން

1

ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލެޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ން "އެކްސްޕީރިއަންސް ލައިވް ފްރޮމް މޯލްޑިވްސް" ގެ ނަމުގައި ހާއްސަ ސީރީސްއެއް ގެނެސްދޭން ނިންމައިފިއެވެ.

"އެކްސްޕީރިއަންސް ލައިވް ފްރޮމް މޯލްޑިވްސް" ސީރީސްއަކީ ސޯޝަލް މީޑިއާ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ޕްރޮމޯޓު ކުރުމަށް ގެނެސްދޭ ސީރީސްއެކެވެ. އެ ސީރީސްގައި 10 އެޕިސޯޑު އޮންނައިރު ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 40 މިނިޓާއި 60 މިނިޓެވެ. ސީރީސް ސްޓްރީމް ކުރުމަށް ހަމަޖެހިފައިވަނީ ފޭސްބުކުންނާއި ޔޫޓީއުބުގެ އިތުރުން ވެއިބޯ ނުވަތަ ވީޗެޓުންނެވެ.

ސީރީސްގެ މައިގަނޑު އަމާޒަކަށް ވަނީ ސައުތު ކޮރެއާ، އޮސްޓްރޭލިއާ، ޗައިނާ، ފްރާންސް، ޖާމަނީ، އިންޑިއާ، އިޓަލީ، ޖަޕާން، މެދުއިރުމަތީގެ ގައުމުތައް، ރަޝިއާ އަދި ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް ޓޫރިސްޓުން ގެނައުމެވެ.

"އެކްސްޕީރިއަންސް ލައިވް ފްރޮމް މޯލްޑިވްސް" ސީރީސްގެ ފުރަތަމަ އެޕިސޯޑު ވަނީ އިއްޔެ ސްޓްރީމް ކޮށްފައެވެ.

އެމްއެމްޕީއާރްސީން މިއަދު ބުނީ، ސީރީސްގެ ގޮތުގައި ރާއްޖޭގެ ރީތިކަން ދައްކުވައިގެން ރާއްޖެ މާކެޓު ކުރުމުގެ މަސައްކަތަކީ މުޅިން އަލަށް ފަށާ ކަމެއް ކަމަށެވެ. އެގޮތަށް ސީރީސްއެއް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުން ޓާގެޓު ކޮށްފައިވާ ގައުމުތަކުގެ އިތުރުން މުޅި ދުނިޔެއަށް ވެސް މާކެޓު ކުރެވިގެންދާނެ ކަމަށެވެ. ސީރީސްގައި ރާއްޖެއަކީ ޓޫރިސްޓުންނަށް އަމާން ތަނެއްކަން ދައްކުވައިދިނުމަށް ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގައި އެންމެފަހުން ހުޅުވާފައިވާ ރިސޯޓުތަކާއި ގެސްޓުހައުސްތަކުގެ އިތުރުން ޓޫރިސްޓުންނަށް ތަޖުރިބާ ކޮށްލެވޭނެ އެކްޓިވިޓީސްތަކުގެ މައުލޫމާތު ވެސް ސީރީސްގައި ހިމަނާފައިވާނެކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މދިޔަ އަހަރު ރާއްޖެއަށް ވަނީ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.