އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ގްރޫޕް އެފްގައި ޓިއުނީޝިއާއިން ކުޅެން އޮތް ފަހު މެޗުގައި މާދަމާ ރޭ ގެމްބިއާ ދެކޮޅަށް ނުކުންނަ އިރު، އެޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ގްރޫޕް އެފްގައި ޓިއުނީޝިއާއިން ގެމްބިއާއާ ދެކޮޅަށް ކުޅެން އޮތް މެޗަކީ ގަދަ 16 ޔަގީންކުރުމަށް އެޓީމަށް މަޖުބޫރު މެޗެކެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ޓިއުނީޝިއާއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ގަމްބިއާ ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި އޮތް މާލީއަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވެއެވެ. މާލީން ފަހު މެޗުގައި ގްރޫޕުން ކަޓާފައި އޮތް މައުރިޓާނިއާ ދެކޮޅަށް ނުކުންނަ އިރު، މޮޅަކާއެކު އެއްވަނަވެސް ހޯދެން މާލީއަށް އެބައޮތެވެ.
މުބާރާތުގައި ޓިއުނީޝިއާއިން މާލީއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވީ 1-0 އިން ކަމަށްވާ އިރު، އެ މެޗުގެ އުސް އައްޔަކަށްވީ މާ އަވަހަށް ރެފްރީ މެޗު ހުއްޓައިލުމެވެ. އެ މައްސަލަ ޓިއުނީޝިއާއިން އެފްކޮންގެ އިންތިޒާމީ ކޮމިޓީއަށް ހުށަހެޅި ނަމަވެސް ފެޑަރޭޝަނުން ނިންމީ މެޗު އަލުން ނުކުޅޭނެ ކަމަށެވެ. މެޗުން މޮޅުވީ މާލީ ކަމަށެވެ.
އެ ކަންތައްގަނޑާވެސް މިފަހަރު ޓިއުނީޝިއާއަށް ކުރިމަތިލާން ޖެހުނު އިރު، މާޔޫސްކަން އިތުރުވީ ސްކޮޑަށް ކޮވިޑު ފެތުރިފައިވުމުންނެވެ. މިހާތަނަށް ޖުމުލަ ހަތް ކުޅުންތެރިޔަކު ޕޮޒިޓިވްފެފައިވާ އިރު، ސްކޮޑުގެ 12 ކުޅުންތެރިން މިވަގުތު އެކަހެރިވެގެން އެބަ ތިއްބެވެ.
ކޮވިޑް ޖެހުނު ކުޅުންތެރިންގެ ތެރޭގައި ޓިއުނީޝިއާގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކެޕްޓަން ވާބީ ހަޒްރީވެސް ހިމެނެއެވެ. އޭނާ ވަނީ ޓިއުނީޝިއާއިން މައުރިޓާނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލު ޖަހައިފައެވެ. އެ މެޗު ޓިއުނީޝިއާއިން ކާމިޔާބު ކުރީ 4-0 އިންނެވެ. ކެޕްޓަން ހަޒްރީގެ އިތުރުން ޑިފެންޑަރު އަލީ މަލޫލް، މިޑްފީލްޑަރު ގައިލޭން ޗާލަލީ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެ ތިން ކުޅުންތެރިންވެސް ވަނީ އެންމެފަހުން ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ފެނިފައެވެ.
އެ ތިން ކުޅުންތެރިންގެ އިތުރުން ދެން ޓިއުނީޝިއާ ޓީމުން ކޮވިޑް ޖެހުނީ މުހައްމަދު އަލީ ބެން ރޮމްދާނޭ، މުހައްމަދު އަމީން، ބެން ހާމިޑާ އަދި ދެ ގޯލުކީޕަރުން ކަމަށްވާ އަޔިމެން ޑަހްމެން އާއި އަލީ ޖެމާލްއެވެ. އެފްކޮންގެ އުސޫލުތައް ބުނާގޮތުން ޓީމެއްގެ 11 ކުޅުންތެރިން ސްކޮޑަށް ނެގެން އޮތް ނަމަވެސް މެޗު ކުޅެން ޖެހޭނެއެވެ. ކީޕަރަކު އެ 11 ކުޅުންތެރިންގެ ތެރޭގައި ހިމެނެން ކޮންމެހެން ނުޖެހެއެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން