އެނބޫދޫ ފަޅުގައި ހިއްކި ކްރޮސްރޯޑްސްގެ ރަށްތަކުގެ ތެރެއިން ފަސް ރަށެއް ވިއްކާލަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އެންމެ ފުރަތަމަ އެ ރަށްތައް ވިއްކާލަން އިއުލާނުކުރީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެ ރަށްތައް ވިއްކާލަން އިއުލާން ކުރީ ކްރޮސްރޯޑްސް ހިންގާ ސިންގަޕޫރުގެ ރިއަލް އެސްޓޭޓް ކުންފުނި، ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ ގްރޫޕުންނެވެ.

އެއްކޮށް ތަރައްގީކޮށް ނުނިމި ހުރި މިރަށްތައް ވިއްކާލުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އިންވެސްޓަރުންނަށް އެއް ރަށަށްވުރެ ގިނަ ރަށްވެސް ގަނެވޭނެ ކަމަށާއި މި ރަށްތައް ގަންނަ ކުންފުނިތަކަށް ކްރޮސްރޯޑްސް ތަރައްގީކުރި ތައިލެންޑުގެ ސިންހާ އެސްޓޭޓާ ގުޅިގެން އެ ރަށްތައް ތަރައްގީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ ރަށްތަކުގެ ޖުމްލަ ބޮޑުމިނުގައި 70.3 ހެކްޓަރު ހުރެއެވެ.

ޖޭއެލްއެލްއެޗުން އެރަށްތައް ވިއްކާލުމަށް އިއުލާނުކުރި ނަމަވެސް އެރަށްތައް ވިއްކާ އަގުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މާލެއިން ފުރައިގެން ސްޕީޑު ލޯންޗެއްގައި 15 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ ކްރޮސްރޯޑްސް އަކީ ނުވަ ރަށެއް ހިއްކައިގެން އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ތަރައްގީ ކުރާ ތަނެކެވެ. ޓޫރިޒަމް މިނިސްޓްރީން މި ރަށްތައް ދޫކޮށްފައިވަނީ 50 އަހަރުގެ ލީސް އެގްރީމަންޓެއްގެ ދަށުންނެވެ. އެ ލީސް ހަމަވާނީ 2066 ވަނަ އަހަރެވެ.