ޚަބަރު

ދޯންޏެއްގައި ކަނޑަށް ކުނި އެޅީ ހުރާ ކައުންސިލުން، ބުނަނީ ދެންވެސް އެކަން ކުރެވެން އޮތީ އެގޮތަށް ކަމަށް!

2

"ވަން" އިން އިއްޔެ ޖެހި، ދޯންޏަކުން ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާ ވީޑިއޯއާ ގުޅޭ ހަބަރުގައި ފެންނަ ދޯންޏަކީ ކ. ހުރާ ކައުންސިލުން، އެރަށުގައި އުފެދޭ ކުނި ކަނޑަށް އުކާލަން ގެންގުޅޭ ދޯންޏެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

"ވަން" އިން އިއްޔެ ހިއްސާކުރި ވީޑިއޯގައި ފެންނަނީ ހުދު ގެގަނޑެއް ލާފައި ހުންނަ ނޫކުލައިގެ ގާތްގަނޑަކަށް 40 ވަރަކަށް ފޫޓުގެ ދޯންޏަކުން ކަނޑު މެދަށް މަޑުކޮށްލައިގެން އޮވެ, ކަނޑަށް ކުނިތައް އަޅަމުންދާ ތަނެވެ. އެ ދޯނީގެ ގެގަނޑު މަތީގައި ދެމީހަކު ތިބޭ އިރު, އިތުރު ދެ މީހަކު ކަނޑަށް ކުނި އަޅަމުންދެއެވެ.

ވީޑިއޯއިން ދޯނީގެ ނަން ނުފެނުނު ނަމަވެސް ދޯނީގެ ރަޖިސްޓްރީ ނަންބަރު ރީތިކޮށް ފެނެއެވެ. އެ ނަންބަރު ބޭނުންކޮށްގެން "ވަން" އިން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި އެއީ "ރިއްމަސް" ނަމަކަށް ކިޔާ ފިޝަރީޒް މިނިސްޓްރީގައި މަސްވެރިކަމަށް ރަޖިސްޓްރީކޮށްފައިވާ ދޯންޏެކެވެ. އަދި އެ ދޯނި ރަޖިސްޓްރީ ކޮށްފައި އޮންނަނީ ހއ. އިހަވަންދޫއަށް ކަމަށްވެސް އެނގިފައިވެއެވެ.

މި ވީޑިއޯގެ މައްސަލަ އީޕީއޭގެ ސަމާލުކަމަށް ގެނައުމުން، އެތަނުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ނައީމު "ވަން" އަށް މިއަދު ވިދާޅުވީ، އެ އެޖެންސީގެ އިންޓެލިޖެންސުން ކުރި މަސައްކަތުން އެއީ ހުރާ ކައުންސިލުގެ ބެލުމުގެ ދަށުން އުކާލި ކުނިތަކެއްކަން ހޯދިފައިވާ ކަމަށެވެ. އަދި އެ ކުނިތައް ފަހުންގޮސް ނެގި ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ. އެހެން ނަމަވެސް އެވާހަކަ ގަބޫލުކުރައްވަން ދަތި ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

ދޯންޏަކުން މޫދަށް ކުނި އަޅަނިކޮށް ބަޔަކު ނަގާފައިވާ ވީޑިއޯ ---

ކަނޑަށް ކުނިއަޅާތާ އެތައް ޒަމާނެއް، އިތުރު ގޮތެއް ނެތް!

މިކަމާ ސުވާލުކުރުމުން ހުރާ ކައުންސިލުގެ ރައީސް އީސާ އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެރަށުގައި އުފެދޭ ތެތް ކުނި، ގެންގޮސް ކަނޑަށް އަޅާތާ އެތައް ޒަމާނެއް ވެއްޖެ ކަމަށެވެ. އަދި އެކަން ކުރަނީ އިތުރު ގޮތެއް ނެތިގެން ކަމަށްވެސް ވިދާޅުވިއެވެ.

"މިރަށުން ކޮންމެ ދުވަހަކު ހަތަރު ވަރަކަށް ހަންބުރީގެ ވެޓް ގާބެޖް ކަނޑަށް އަޅާނެ. މިރަށުން އަބަދުވެސް ކާއެއްޗެހި ބޭރުކުރާނީ މޫދަށް. އެކަން ކުރާތާ ވަރަށް ޒަމާންވެއްޖެ. ވީޑިއޯގައި މޫދަށް ކުނި އެ އަޅަނީ ކައުންސިލުގެ ދެ ބިދޭސީން. ދޯންޏަކީ ރަށުގެ ކުނިތައް ހިލޭ އުކައިދޭ ދޯންޏެއް. މޫދަށް ކުނި އަޅާއިރު، ކޮންމެވެސް ވަރަކަށް ކޮތަޅު ހުންނާނެ. ކޮތަޅުތަކާ އެއްކޮށް އަޅާފަ ފަހުން ކޮތަޅުތައް ނަގާނެ. މިއީ މި އަތޮޅުގެ ހުރިހާ ރަށަކުންވެސް ކަންތައްކުރާ ގޮތް. ރަށު ތެރޭގައި ބަލިމަޑުކަމެއް ފެތުރިގެންދާތަން ބަލަން ކައުންސިލަކުން ނުތިބެވޭނެ،" އީސަ ވިދާޅުވިއެވެ.

ވަކި ރިސޯޓެއް ހާމަނުކޮށް އޭނާ ވިދާޅުވީ، ހުރާ ކައުންސިލު ކައިރީގައި އޮންނަ ރިސޯޓަކުންވެސް ކޮންމެ ރެއަކު 8:30ގައި އެރަށު ބޭރަށް ކުނި އަޅާ ކަމަށެވެ. އެހެންކަމުން "މިލިއަނުން ލިބޭ ބަޔަކަށް ހައްލު ނުވާ ކަމެއް ކައުންސިލަކުން ހައްލެއް ނުކުރެވޭނެ." ކަމަށް އީސަ ވިދާޅުވިއެވެ.

އެނޫން ހައްލެއް ހޯދަން މަސައްކަތް ނުކުރަންތޯ ސުވާލު ކުރުމުން އޭނާ އިތުރަށް ވިދާޅުވީ، ކަނޑަށް ކުނި އަޅާތީ އީޕީއޭ އިންވެސް އެކަން ނުކުރުމަށް އަންގާ ކަމަށާއި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ. އަދި ކަނޑަށް ކުނި އެޅުމުގެ ބަދަލުގައި ބައެއް ކުނިން ކާދު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ވަގުތީ ހައްލެއްގެ ގޮތުން މީހުން ނޫޅޭ ސަރަހައްދުގައި ވަޅުގަނޑެއް ކޮނެ، އެތަނަށް ކުނި އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ތިލަފުއްޓަކަށް މިހާރު ކުންޏެއް ނުއުކޭ. ތިލަފުއްޓަށް އުކަންވިޔަސް ބޮޑު އަގެއް ދައްކަން އެބަޖެހޭ. މިއީ މައި ސަރުކާރުން ހައްލެއް ނުގެނެސް، ހައްލުވާނެ ކަމެއް ނޫން. ކައުންސިލުގަ މިކަން ހައްލުކުރާކަށް ފައިސާގެ ތަނަވަސްކަމެއް ނެތް،" އީސަ އިތުރަށް ވިދާޅުވިއެވެ.

އީޕީއޭ އިން ބުނަނީ ހައްލެއް ހޯދޭނެ ކަމަށް، މަނާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް!

ކައުންސިލުގެ އެ ވާހަކަތަކާ ގުޅިގެން ނައީމު ވިދާޅުވީ، ކަނޑަށް ކުނި އެޅުން ނޫން ގޮތެއް ނެތް ނަމަ އެންވަޔަރަމަންޓް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެކަމަށް ހައްލެއް ނުވަތަ ކުރެވޭނެ ކަމެއް ހޯދަން ޖެހޭނެ ކަމަށެވެ. އަދި ކުނީގެ މައްސަލައަކީ އެހެން ރަށްރަށުގައިވެސް މެނޭޖްކުރަމުން އަންނަ ކަމެއް ކަމަށާއި ގަވާއިދުން މަނާ ކަމެއް ނަމަ، އެކަން އީޕީއޭ އިން ތަންފީޒު ކުރާނެ ކަމަށެވެ.

"އެހެން ރަށްރަށުގައިވެސް ކުނީގެ މައްސަލަ މެނޭޖްކުރަމުންދޭ. ބައެއް ރަށްރަށުން ކާދު ހަދާ. ކޮމްޕޯސްޓް ކުރެވޭ މެޝިންތައްވެސް ރަނގަޅު އަގަކަށް މިހާރު ލިބޭ،" ނައީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުރާ ކައުންސިލުން ޒަމާންތަކެއް ވަންދެން ކަނޑަށް ކުނި އެޅި ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ. އަދި އޭރު ރިސޯޓްތަކުންވެސް މޫދަށް ކުނި އެޅުމަށް ލުއިތަކެއް ދީފައި އޮތް ނަމަވެސް، މިހާރު އެކަން އުވާލާފައި އޮތުމުން މި މައްސަލަ ބަލައި ފިޔަވަޅެއް އަޅަން ޖެހޭ ނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވިއެވެ.