ރިޕޯޓް

މި ދަރިވަރުންގެ ކުށަކީ މުސްލިމުންނަށް ވީކަން، ބުރުގާއާ އެކު ކުލާހަށް ނުވައްދާތީ ކިޔަވަން ތިބެން ޖެހެނީ ބޭރުގައި

އިންޑިއާގެ ކަރްނަޓަކާ ސްޓޭޓުގައި ސަރުކާރުން ހިންގަމުން އަންނަ އަންހެންކުދީންގެ ކޮލެޖަށް ތައުލީމު ހާސިލުކުރަން ދިޔަ އުމުރުން 18 އަހަރުގެ އަލްމާސް އާއި އޭނާގެ ރަހުމަތްތެރިން ކުލާހަށް ވަންނަން ދިއުމުން ޓީޗަރުވަނީ އެ ދަރިވަރުން ކުލާހަށް ވަނުން މަނާކޮށްފައެވެ.

މި ދަރިވަރުން ކުލާހުގެ ތެރެއަށް ފިޔަވަޅު އެޅުމާއެކު ވަގުތުން ނުކުތުމަށް އަލްމާސް އަދި އޭނާގެ ރަހުމަތްތެރިންނަށް ޓީޗަރު އަމުރުކޮށްފައިވަނީ އެންމެ ސަބަބަކާ ހެދިއެވެ. އެކުދީންގެ ކުށަކީ ބުރުގާ އަޅައިގެން ތިބުމެވެ. އަލްޖަޒީރާއަށް މައުލޫމާތު ދެމުން އަލްމާސް ބުނެފައިވަނީ ކުލާހަށް ވަނުން ޓީޗަރު މަނާކުރީ ބުރުގާ އަޅައިގެން ތިބުމުން ކަމަށާއި ވަގުތުން ބުރުގާ ބޭލުމަށް އެންގި ކަމަށެވެ.

ދެކުނު އިންޑިއާގެ ކަރްނާޓަކާގެ އުޑުޕީ ޑިސްޓްރިކްޓުގައި ސަރުކާރުން ހިންގަމުން އަންނަ އަންހެންކުދިންގެ ކޮލެޖުގައި އެ ދުވަހަށްފަހު އަލްމާސް ހިމެނޭހެން މުސްލިމް 6 އަންހެން ކުދީން ތައުލީމު ހާސިލުކުރަމުން ގެންދަނީ ކުލާސްރޫމުގެ ބޭރުގައި ތިބެގެންނެވެ. މި ކުދިން ބުނީ ބުރުގާއަކީ ދީނީ ޝިއާރަކަށްވާކަމަށާއި ގާނޫނުގެ ދަށުން ބުރުގާ އެޅުމުގެ ހައްގު އެކުދިންނަށް ލިބިދޭން ޖެހޭ ކަމަށެވެ. ކޮންމެ ދުވަހަކު އުނގެނުމަށް ކޮލެޖަށް ހާޒިރުވަމުން ދިޔަ ނަމަވެސް އެކުދިންގެ ހާޒިރީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 އިން ފެށިގެން ނާންނަ ދުވަސްތަކުގެ ގޮތުގައި ކޮލެޖުން ރެކޯޑުކުރަމުން ގެންދާކަމުގައި ވަނީ ބުނެފައެވެ.

މި ދަރިވަރުން އަންނަނީ އެކުދީންނަށް ލިބިދޭން ޖެހޭ ހައްގު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އަދި އެކަމަށް ފަސް ނުޖެހޭނެކަމަށް މި ގުރޫޕުގައި ހިމެނޭ އާލިޔާ އައްސަދީ ވަނީ ބުނެފައެވެ. އެކަމަށް އަޑު އުފުލަމުން ދިއުމުގެ ސަބަބުން ކޮލެޖުގެ އެޑްމިނިސްޓްރޭޝަނުން ވަނީ ދަރިވަރުން ހާޒިރު ނުވާ ކަމަށް ބެލިފައިވަނީ ގޭގައި ތިބުމުން ކަމަށް ބުނެ ސިޓީއެއް ލިޔުމަށް މަޖުބޫރުކުރުވާފައި ކަމަށް އަލްޖަޒީރާއާ މައުލޫމާތު ހިއްސާކުރަމުން ވަނީ ބުނެފައެވެ. އެކަން ކުރުމަށް ދަރިވަރުން ދެކޮޅު ހެދިކަމަށާއި ނަމަވެސް ޕްރިންސިޕަލް އަދި ޓީޗަރުންގެ އިންޒާރުތަކާ ގުޅިގެން އެގޮތަށް ކަންތައް ކުރަން މަޖުބޫރުވިކަމުގައި މި ދަރިވަރުން ބުނެއެވެ. ''އެ ގޮތަށް ކަންތައް ނުކޮށްފިނަމަ އަހަރެމެންގެ ކުރިއަށް އޮތް މުޅި ކެރިއަރުވެސް ހަލާކުކޮށްލާނެކަމަށް ބުނެ ޕްރިންސިޕަލް އަދި މުދައްރިސުން ދިޔައީ އިންޒާރުދެމުން.'' އެ ގްރޫޕުގައި ހިމެނޭ މުސްކާން ޒައިނަބް ބުނެފައިވެއެވެ.

ކޮލެޖުގެ ކްލާސްރޫމުގެ ބޭރުގައި ތިބެގެން ކިޔަވަން ތިބޭ މަންޒަރު ފެންނަ ފޮޓޯއެއް އާއްމުވުމާއެކު ދުނިޔޭގެ ސަމާލުކަން ވަނީ މި ފޮޓޯއަށް ހުއްޓިފައެވެ. އަދި އޭގެ ސަބަބުން ކޮލެޖަށް ލިބެމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކޮލެޖުގެ އެޑްމިނިސްޓްރޭޝަނުގެ ފިއްތުންތައް ކުޑަވެފައިވާކަމަށް އެ ދަރިވަރުން ބުނެއެވެ. ނަމަވެސް އެކުދިންގެ ހައްގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ލިބެމުން ދާ ފުރައްސާރައާއި މަލާމާތަށް ކޮންމެ ދުވަހަކުވެސް މި ދަރިވަރުން އަންނަނީ ކުރިމަތިލަމުންނެވެ. ކުލާހުން ބޭރުގައި ތިބޭއިރުވެސް ޓީޗަރުން ކުލާހުގެ ދަރިވަރުން ފޮނުވައި އިންޒާރުދެމުން ގެންދާކަމުގައި އެކުދިން ބުނެއެވެ. މި ދަރިވަރުންގެ އެންމެބޮޑު ކަންބޮޑުވުމަކީ އަހަރީ އިމްތިހާނަށް އިށީންނުމަށް ހާޒިރީގެ ސަބަބުން އަސަރުކޮށްފާނެތީއެވެ.

ކޮލެޖުގެ ޕްރިންސިޕަލް ރުދްރާ ގައުޑާ އަލްޖަޒީރާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދަރިވަރުން ބުރުގާއާއެކު ކުލާސްރޫމަށް ވަންނަން ހުއްދަ ނުކުރެވެނީ އެއީ ޔުނިފޯމު ގަވާއިދާ ހިލާފުކަމަކަށް ވާތީކަމަށެވެ. އަދި އެ ކޮލެޖަކީ ސަރުކާރު ކޮލެޖަކަށް ވުމުން ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކަށް އެ ކޮލެޖުން ހުރުމަތްތެރިކޮށް ހިތަމުން ގެންދާނެކަމުގައި ޕްރިންސިޕަލް ވަނީ ބުނެފައެވެ. ގައުޑާ ބުނެފައިވާގޮތުގައި މި ކަހަލަ ކަމަކާ ކޮލެޖުން ކުރިމަތިލާފައިވާ މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް ކޮލެޖުގެ އެލުމްނީ އިން ބުނެފައިވާގޮތުގައި މިފަދަ ހާދިސާތައް މީގެކުރިންވެސް ކޮލެޖުގެ ތެރޭގައި ވަނީ ހިނގާފައެވެ.

މީގެ ކުރިން ބުރުގާ އަޅައިގެން ދަރިވަރަކު ކުލާހަށް ހާޒިރުވުމުން ޓީޗަރުވަނީ އެ ދަރިވަރު ކުލާހުގެ މެދުގައި ބޭންދުމަށްފަހު ގަދަކަމުން ބުރުގާ ދަމައިގެންފައިކަމަށްވެސް ކުރީގައި މި ކޮލެޖުގައި ކިޔެވި އަދި މިހާރު ކަރްނާޓަކާ މުނިސިޕަލް ކޮލެޖުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރު އާތިޔާ ވަނީ ބުނެފައެވެ. އަދި އޭގެ އިތުރުންވެސް ބުރުގާ އަޅައިގެން ކިޔަވަން ދާ ކުދީންނަށް މިފަދަ އެތައް ދުއްތުރާއަކާއި މަލާމާތާއި ފުރައްސާރަ އަމާޒުވަމުންދާ އައިސްފައިވާކަމަށް އޭނާ ބުނެއެވެ.

ދިއްލީގައި ހިންގަމުން އަންނަ ފްރެޓާނިޓީ މޫވްމަންޓުގެ ފަރާތުން ވަނީ މިކުދީންގެ ހައްގުގައި ތެދުވެފައެވެ. އެކްޓިވިސްޓެއް ކަމަށްވާ ފްރެޓާނިޓީ މޫވްމަންޓްގެ ސެކްރެޓަރީ އަފްރީން ފާތިމާ ގޮވާލާފައިވަނީ އެކުދިންނަށް ލިބިދޭންޖެހޭ ހައްގު ކަށަވަރުކޮށްދިނުމަށާއި މި ތަފާތުކުރުންތައް ގެންގުޅޭ ކޮލެޖުގެ އެޑްމިނިސްޓްރޭޝަން ބޯޑު ސަސްޕެންޑުކުރުމަށެވެ.

މި އަޑުތައް ގަދަވާން ފެށުމާ ގުޅިގެން ކޮލެޖު ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ލޯޔާސް އެސޯސިއޭޝަނުންވެސް ވަނީ ކޮލެޖާ ދެކޮޅަށް އުފުލާފައިވާ މިމައްސަލައިގެ ތަހުގީގެއް ކޮށްދިނުމަށް ސަރުކާރަށް ހުށަހަޅައިފައެވެ. އެ އެސޯސިއޭޝަނުގެ ސިޓީގައި ބުނެފައިވަނީ ވަކި ދީނަކަށް ނިސްބަތްވުމުގެ ސަބަބުން ތައުލީމު އުނގެނުމުގެ ހައްގު ނިގުޅައިގަތުމަކީ އިންސާނީ އަސާސީ ހައްގަކަށް އަރައިގަތުން ކަމަށާއި މިއީ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި މައްސަލަ ބަލައިދިނުމަށެވެ.

މީގެ އިތުރުން ދެކުނު އިންޑިއާގައި މުސްލިމް ދަރިވަރުންގެ ހައްގުގައި މަސައްކަތްކުރަމުން އަންނަ ޖަމިއްޔާ ކޭމްޕަސް ފްރަންޓް އޮފް އިންޑިއާ - ސީއެފްއައި އިން ވެސް ވަނީ ބުރުގާ އެޅުމުގެ ހައްގު އެދަރިވަރުންނަށް ކަށަވަރުކޮށްދީ ހަމަހަމަކަމާއެކު ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމަށް އެކޮލެޖުގެ އެޑްމިނިސްޓްރޭޝަނަށް ގޮވާލައިފައެވެ.

އުޑުޕީ ކޮލެޖުގައި މުސްލިމު ދަރިވަރުންނާ މެދު ގެންގުޅެމުން އަންނަ ތަފާތުކުރުންތަކާ ގުޅިގެން އެ ސްޓޭޓުގައި ހިމެނޭ އިތުރު ދެ ކޮލެޖުގެ ދަރިވަރުން އަދި އަކިލް ބަރަތިޔާ ވިދްޔާރުތީ ޕަރިޝާދު - އޭބީވީޕީ ގެ މެންބަރުންވަނީ އިހުތިޖާޖުތައް ކުރަން ފަށާފައެވެ.