ކުޅިވަރު

މަލާވީ ކައިރީ ގޯލެއް ނުޖެހުނު ނަމަވެސް ސެނެގާލަށް އެއްވަނަ

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގްރޫޕް ބީގެ އެއްވަނަ ސެނެގާލް، އަދި ދެވަނަ މަގާމު ގީނީން ހޯދައިފިއެވެ.

މުބާރާތުގެ ފެވަރިޓެއްގެ ގޮތުގައި ސެނެގާލް އިން މިފަހަރުގެ އެފްކޮން އަށް ނުކުތީ އެންމެ ރޭންކިން މަތި ޓީމުގެ ގޮތުގައެވެ. އެހެން ނަމަވެސް އެޓީމަށް އަދި ވަނީ އެންމެ އެކަށޭނެ ތަފާތެއް ނުދެއްކިފައެވެ. ރޭ ބަފޯސަމްގެ ސްޕޯޓްސް ކޮމްޕްލެކްސް ސްޓޭޑިއަމްގައި މާލީއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރު ވެގެން ނިމުނު އިރު، ސެނެގާލްއިން ގްރޫޕް ސްޓޭޖުގައި ޖެހީ އެންމެ ގޯލެކެވެ.

އެ ގޯލަކީ އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޒިންބާބުވޭ ކޮޅަށް ސަޑިއޯ މާނޭ ޖެހި ޕެނަލްޓީއެކެވެ. އެ މެޗު ސެނެގާލްއިން 1-0 އިން ކާމިޔާބު ކޮށްފައިވާ އިރު، ދެން ކުޅުނު ދެމެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. ފަސް ޕޮއިންޓާއެކު ސެނެގާލަށް ގްރޫޕް އެއްވަނަ ލިބުނު އިރު، ރޭ ކުޅުނު މެޗުގައި 2-1 އިން ޒިންބާބުވޭ އަތުން ބަލިވި ނަމަވެސް ގީނީން ވަނީ ހަތަރު ޕޮއިންޓާއެކު ދެވަނައިގައި ގަދަ 16 ޔަގީން ކޮށްފައެވެ. ގްރޫޕުގެ ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތް މަލާވީއަށްވެސް ފުރުސަތު އެބައޮތެވެ.

ރޭ ކުޅުނު މެޗަށް ސެނެގާލްގެ ކެޕްޓަން ކަލިޑޫ ކުލިބާލީ އާއި ފީފާއިން ހޮވި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި ޗެލްސީގެ ގޯލްކީޕަރު އެޑުއާޑު މެންޑީ ނުކުމެފައި ވަނީ ކޮވިޑް 19ގެ ސަބަބުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެމެޗު ގެއްލުމަށްފަހުއެވެ. އެ ދެކުޅުންތެރިންނާއެކު ފަހަތަށް މާ ބޮޑަށް އުނދަގޫ ކަމެއް ނައި ނަމަވެސް މާޔޫސްވީ ގޯލު ނުޖެހުމުންނެވެ.

ހަބީބު ޑިއާލޯ އަދި މާނޭގެ ހަމަލާތައް ސެނެގާލުގެ ފަރާތުން ނުރައްކާކޮށް ފެނުނު އިރު، ކައުންޓާގައި މަލާވީން ޕެނަލްޓީއެއް ނުހޯދީ ކިރިޔާއެވެ. މެޗުގެ 74 ވަނަ މިނެޓުގައި މަލާވީގެ ގޮމޭޒްގާނީ ޗިރްވާ އޭރިއާ ތެރެއަށް ވަނުމުން ސެނެގާލްގެ ބޯނާ ސާ ފައުލްކުރި ކަމަށް ނިންމައި، ރެފްރީ ފުރަތަމަ ޕެނަލްޓީ ދިން ނަމަވެސް ވީއޭއާރް ބަލައި ނިންމީ ސާ ފައުލް ނުކުރާ ކަމަށެވެ.

ގްރޫޕް ބީގެ އެއްވަނައިގައި އޮތުމުން ސެނެގާލް ގަދަ 16 ގައި ނުކުންނަން ޖެހޭނީ ގްރޫޕް އޭ، ސީ ނޫނީ ޑީގެ ތިންވަނަ ޓީމަކާ ދެކޮޅަށެވެ. ސެނެގާލްއަކީ އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި އެފްކޮންގެ ރަނަރަޕް ޓީމެވެ.

އެފްކޮންގެ ގްރޫޕް ސްޓޭޖުގައި މިރޭ އޮންނަ މެޗުތައް

9:00 އައިވޮރީ ކޯސްޓް - އަލްޖީރިއާ
9:00 ސިއެރާ ލެއޯން - އިކުއެޓޯރިއަލް ގީނީ
12:00 މިސްރު - ސޫދާން
12:00 ގީނީ-ބީސާ - ނައިޖީރިއާ