އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ޗެމްޕިއަންކަން މީގެ ކުރިން ހަތަރު ފަހަރަށް ހޯދާފައިވާ ގާނާ ކަޓުވާލައި، އަލަށް މުބާރާތުގައި ވާދަކުރި ކޮމޮރޯސްއިން ގަދަ 16 އަށް ފުރުސަތެއް ހޯދައިފިއެވެ.

އެފްރިކާގެ އެންމެ ވަރުގަދަ އެއް ގައުމު ގާނާއިން ރޭ ރޯންޑޯ އަޑީޖާ ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ސީގެ މެޗުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާ ވެގެން ދިޔައީ އެފްކޮންގެ ތާރީހުގައިވެސް ފެނުނު އެންމެ ހައިރާންކުރުވަނިވި ނަތީޖާ އަށެވެ. 2006 ވަނަ އަހަރުގެ މުބާރާތަށްފަހު ގާނާ ފުރަތަމަ ފަހަރަށް އެފްކޮންގެ ގްރޫޕް ސްޓޭޖުން ކެޓުން އެކަންޏެއް ނޫނެވެ. ގާނާ ރޭ ކެޓީ ފީފާ ރޭންކިންގެ 132 ވަނައިގައި އޮތް ކޮމޮރޯސް އަތުން ބަލިވެގެންނެވެ.

ގްރޫޕް ސީގެ ތިންވަނައިގައި ކޮމޮރޯސް އޮތީ ތިން ޕޮއިންޓާ އެކުގައެވެ. ގްރޫޕްތަކުގެ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނި އެޓީމަށް ގަދަ 16 އަށް ދާން ފުރުސަތެއް އޮތް ނަމަވެސް ގްރޫޕް ފުލަށް ދިޔަ ގާނާ ވަނީ ކަޓައިފައެވެ. އެ ގްރޫޕުގައި ރޭ ގެބޯންއާއި މޮރޮކޯ ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، ގްރޫޕުގެ އެއްވަނަ ހޯދީ މޮރޮކޯއެވެ. ދެވަނަ ލިބުނީ ގެބޯންއަށެވެ.

ކޮމޮރޯސްއަކީ ޖަޒީރާ ގައުމެކެވެ. ގާތްގަނޑަކަށް އެއްމިލިއަން މީހުން ދިރިއުޅޭ ގެބޯންއަށް ރޭގެ ނަތީޖާ ވެފައި ވަނީ އެ ގައުމުގެ ފުޓުބޯޅަ ތާރީހުވެސް ދުށް އެންމެ އުފާވެރި ނަތީޖާއަށެވެ. ދާހިލީ ހަމަނުޖެހުންތައް ބޮޑު ކޮމޮރޯސްއިން ވޯލްޑް ކަޕް އަދި އެފްކޮންގެ ކޮލިފިކޭޝަންތައް ތަކުގައި މިހާތަނަށް 20 ފަހަރަށް ވާދަކޮށްފައިވާ އިރު، އެގައުމަށް ކޮލިފިކޭޝަނަކުން ފުރަތަމަ މޮޅު ލިބުނީވެސް 2016 ވަނަ އަހަރުއެވެ. އެގައުމުގެ ގައުމީ ޓީމުގެ ކުޅުންތެރިން ފްރާންސްގެ ދަށް ޑިވިޝަންތަކުގައި ކުޑަ އާންމުދަނީއަކަށް ކުޅެމުން އަންނަ އިރު، އެފްރިކާ ބައްރުގެ އެންމެ ވަރުގަދަ އެއް ޓީމު ގާނާ ބަލިކުރެވުމާއެކު އެޓީމުގެ ކުޅުންތެރިންނާއި ކޯޗުން ފަރާތުން ވަނީ އަސަރުގަދަ މަންޒަރުތަކެއް ފެނިފައެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ކޮމޮރޯސްގެ އެލް ފާރުދޫ ބެން ނަބުހާން އެވެ. އެ ގޯލާއެކު ގާނާއަށް ސިހުމެއް ލިބުނު އިރު، މެޗުގެ 25 ވަނަ މިނެޓުގައި ގާނާގެ ކެޕްޓަން އަންދްރޭ އަޔޫ ވަނީ ސީދާ ރަތް ކާޑެއް ހޯދައިފައެވެ. އެ ރަތް ކާޑާއެކު ކޮމޮރޯސްއަށް ހިތްވަރު ލިބި އަހުމަދު މޮގްނީގެ ގޯލުން ލީޑު ފުޅާވެސް ކުރިއެވެ. އަޔޫއަށް ދެއްކި ރަތް ކާޑާއެކު ގާނާގެ ކެޕްޓަން ބޭންޑްގައި ކުޅެމުން އައީ އާސެނަލްގެ ތޯމަސް ޕާޓޭ އެވެ. އެޓީމުގެ ގޯލުތައް ޖަހައިދިނީ ރިޗްމަންޑް ބޯކުޔޭއާއި އެލެކްސެންޑްރާ ޖީކޫއެވެ.

9:00 އައިވޮރީ ކޯސްޓް - އަލްޖީރިއާ

9:00 ސިއެރާ ލެއޯން - އިކުއެޓޯރިއަލް ގީނީ

12:00 މިސްރު - ސޫދާން

12:00 ގީނީ-ބީސާ - ނައިޖީރިއާ