ޚަބަރު

ޔާމީން ރަޝީދުގެ މަރު: ހުކުމް ކުރުން މާދަމާ

މުހައްމަދު އިޝާން

ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ކުރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ.

އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލީ، އޭނާ ދިރިއުޅުނު އިމާރާތް މ. ސްޕެޓީއުލާ ގޭ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ ގެންނެވެ. އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލާއި ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.

އެ މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ހުލާސާ ބަޔާން އިއްވައިފައެވެ. ގާނޫނުގައި ވާގޮތުންނަމަ ހުލާސާ ބަޔާން އިއްވާތާ 30 ދުވަސް ތެރޭގައި ހުކުމް އިއްވަން ޖެހެއެވެ. މިދިޔަ ޑިސެމްބަރު މަހު އެ މައްސަލައިގެ ހުކުމް އިއްވަން ތާވަލުކޮށްފައި ވަނިކޮށް އާއިލާގެ އެދުމުގެ މަތިން ވަނީ ހުކުމް އިއްވުން ފަސްކޮށްފައެވެ.

ޔާމީން ރަޝީދުގެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، އަދި ޔާމީންގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ނަމަ ކުށް ސާބިތުވާ މީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ. އަދި އެންމެ ވާރިސަކު ވެސް މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނެފި ނަމަ އަންނާނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ 25 އަހަރެވެ.