ރާއްޖޭގައި ދޯންޏަކުން ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާ ވީޑިއޯއެއް "ވަން" އަށް ލިބިއްޖެއެވެ.

މި ވީޑިއޯގައި ފެންނަނީ ހުދު ގެގަނޑެއް ލާފައި ހުންނަ ނޫކުލައިގެ ގާތްގަނޑަކަށް 40 ވަރަކަށް ފޫޓުގެ ދޯންޏަކުން ކަނޑު މެދަށް މަޑުކޮށްލައިގެން އޮވެ, ކަނޑަށް ކުނިތައް އަޅަމުންދާ ތަނެވެ. އެ ދޯނީގެ ގެގަނޑު މަތީގައި ދެމީހަކު ތިބޭ އިރު, އިތުރު ދެ މީހަކު ކަނޑަށް ކުނި އަޅަމުންދެއެވެ. ބެލެވޭ ގޮތުގައި އެއީ ދެ ބިދޭސީންނެވެ. އެ ދެމީހުން ބޮޑެތި ކޮތަޅުތަކުގައި ހުރި ކުނިތައް އެއްވެސް ބަލައިލުމެއް ނެތި މޫދަށް އަޅަމުން ގެންދެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، ދޯނި އޮތީ ދެ ރަށެއް ފެންނަހާ ކައިރީގައިކަން އެނގެއެވެ. ދޯނީގެ ނަން ނުފެނުނު ނަމަވެސް ދޯނީގެ ރަޖިސްޓްރީ ނަންބަރު ރީތިކޮށް ފެނެ އެވެ. އެ ނަންބަރު ބޭނުންކޮށްގެން "ވަން" އިން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި އެއީ "ރިއްމަސް" ނަމަކަށް ކިޔާ ފިޝަރީޒް މިނިސްޓްރީގައި މަސްވެރިކަމަށް ރަޖިސްޓްރީކޮށްފައިވާ ދޯންޏެކެވެ. އަދި އެ ދޯނި ރަޖިސްޓްރީ ކޮށްފައި އޮންނަނީ ހއ. އިހަވަންދޫއަށް ކަމަށްވެސް އެނގިފައިވެއެވެ.

ނަމަވެސް އެރަށު ކައުންސިލުގެ ރައީސް އަހުމަދު ސޮބާހް "ވަން" އަށް ވިދާޅުވީ، އެނަމުގައި އެ ރަށުގައި ދޯންޏެއް ނޯންނާނެ ކަމަށެވެ.

އެ ވީޑިއޯ ނެގި މީހުން "ވަން" އަށް ކިޔައިދިން ގޮތުގައި, އެދޯނި އޭރު މަޑުކޮށްގެން އޮތީ މާލެއާއި ތުލުސްދޫއާ ދެމެދުގައެވެ. އެމީހުން ކަނޑަށް އުކާލީ ރިސޯޓެއްގެ ކުނިތަކެއް ކަމަށް ބެލެވޭ ކަމަށް ބުންޏެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއްކަން ޔަގީންކަމާއެކު ބުނާން ނޭނގޭ ކަމަށްވެސް ބުންޏެވެ.

ދޯންޏަކުން ކަނޑަށް ކުނިއަޅާ ވީޑިއޯއެއް އާންމުވެފައިވާ އިރު, ރިސޯޓުތަކުން މޫދަށް ކުނި އެޅުމަށް ގަވާއިދަކުން ހުއްދަ ދީފައިވާ މާއްދާ ޓޫރިޒަމް މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ބާތިލުކޮށް, ރިސޯޓުތަކުން މޫދަށް ކުނި އެޅުން އެއްކޮށް މަނާކޮށްފައެވެ.

ކުރިން އޮންނަ ގޮތުން ނަމަ, ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ، ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ، ބަޔޯޑީގްރޭޑަބަލް ތަކެތި ކަނޑަށް އުކާލެވިދާނެއެވެ. އަދި އެގޮތުން އުކާލެވޭ އަމިއްލައަށް ފަނާވެނެތިދާ ކުނި އުކާލަން ޖެހޭނީ އަތޮޅުން ބޭރަށް، ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް ކަމަށް ބުނެފައިވެއެވެ.