ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ގަނެފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ އެކުންފުނިން ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު އޭޓީއާރު 600-72 ގެ ދެ މަތިންދާ ބޯޓާއި އޭޓީއާރު 400-72 ގެ އެއް މަތިންދާބޯޓު ގަންނަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި މިއަހަރުގެ ތެރޭގައި ތިން ބޯޓުވެސް މޯލްޑިވިއަންގެ ފްލީޓާ ގުޅޭނެކަމަށެވެ.

މޯލްޑިވިއަން އަށް އިތުރުކުރެވޭ ބޯޓުތަކަކީ ތިމާވެއްޓަށް ގެއްލުންދޭ ވިހަ ބޭރުކުރާވަރު މަދު PW12XT ގެ އިންޖީނާއެކު ގަނެވޭ ބޯޓު ތަކެއް ކަމަށާއި، މި އިންޖީނުތަކުގެ ސަބަބުން ތެލަށް ކުރާ ހޭދައިން ތިން ޕަސެންޓް އަދި މެއިންޓެނަންސް އަށް ކުރާ ހަރަދުގެ 20 ޕަސެންޓް ކުޑަވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ފެންވަރު ރަނގަޅުކޮށް ވައިގެ ދަތުރުފަތުރުން ރަށްތައް ގުޅާލުމަށްކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަން އިން ދޭ ހިދުމަތްތައް ވެސް މިހާރަށްވުރެ އިތުރަށް ފުރިހަމަވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނެނީ ޑޭޝް-8 މަރުކާގެ 10 ބޯޓާއި އެއާބަސް މަރުކާގެ ދެ ބޯޓެވެ.

ފާއިތުވި ޑިސެމްބަރު މަހު މޯލްޑިވިއަންގެ ބައެއް ބޯޓުތައް މަރާމާތަށް ގްރައުންޑުކޮށްފައިވާތީ، ހިދުމަތްތައް ފޯރުކޮށްދީފައިވަނީ އަމިއްލަ އެއާލައިންތަކުގެ ބޯޓުތައް ޗާޓާރުކޮށްގެންނެވެ.