ޚަބަރު

މާޅެންދޫ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިމުމަކާ ގާތަށް

އެމްޑަބްލިޔުއެސްސީން ނ. މާޅެންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މުޅި މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ އެވެ. އެމްޑަބްލިޔުއެސްސީން މިއަދު ބުނީ މި މަޝްރޫއުގެ 86 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ, އެ މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތާއި ބޯހޯލް ތޮރޮފުމުގެ މަސައްކަތްތަކާއި އަދި ފެން ރައްކާކުރާ ތާންގީ ބެހެއްޓުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.

އޭގެ އިތުރުން ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގެ 8.72 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް ވެސް ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ, އެ މަޝްރޫއުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 7.6 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމާއި ސީ އައުޓްފޯލް ގާއިމުކުރުމާއި ޕަންޕިން ލައިން އެޅުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

އޭގެ އިތުރުން ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށްވެސް ބުންޏެވެ.

ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނީން ބުނެއެވެ.

މާޅެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ އެމްޑަބްލިޔުއެސްއީއާ ހަވާލުކުރީ ޖުމުލަ 42.9 މިލިއަން ރުފިޔާއަށެވެ.